Roadha Mihaaru
ރަޝިއާ ހަނގުރާމައަށް އިންޑިއާ މީހުން ފޮނުވާ ނެޓްވޯކެއް

ރަޝިއާ ހަނގުރާމައަށް އިންޑިއާ މީހުން ފޮނުވާ ބަޔަކު އަތުލައިގެންފި

14 މާޗް 2024

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމާގައި ރަޝިއާ ސިފައިންނާ އެކު ހަނގުރާމަކުރުމަށް އިންޑިއާ މީހުން ފޮނުވާ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމާގައި ރަޝިއާ ސިފައިންނާ އެކު ހަނގުރާމަކުރުމަށް އިންޑިއާ މީހުން ފޮނުވާ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ރަޝިއާ/ޔުކްރެއިން ހަނގުރާމައަށް ދެ އަހަރު ވެފައި ވާއިރު ރަޝިއާ ސިފައިންގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އެހެންވެ ރަޝިއާ ސިފައިންނަށް އެހީވާން، ދުނިޔޭގެ ކަންކޮޅުތަކުން މީހުން އައުމަށް އެ ގައުމުން ގޮވާލާފައިވެ އެވެ.

މި ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އިންޑިއާ ސިފައިންގެ ދެ މީހަކު މަރުވެފައިވާކަން ކަށަވަރުވެފައި ވާއިރު އެތަނަށް ދިޔަ ބައެއް މީހުން އޭއެފްޕީ އަށް ބުނެފައިވާ ގޮތުގައި މިއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރާ ކަމެކެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ މި މައްސަލައިގައި 13 ތަނެއް ރެއިޑްކޮށްފަ އެވެ. އަދި ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެތަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި މީހުން މަސައްކަތްކުރަނީ އޮގަނައިޒްޑް ނެޓްވޯކެއްގެ ގޮތުގައި. ޔޫޓިއުބް އަދި ސޯޝަލް މީޑިއާ އެކި ޗެނަލްތައް މެދުވެރިކޮށް މީހުން ހޯދަނީ ރަޝިއާ އިން މުސާރަ ބޮޑު ވަޒީފާތައް ލިބޭ ކަމަށް ބުނެފައި،" ސީބީއައިގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޓްރެފިކް ކުރާ އިންޑިއާ މީހުންނަށް ހަނގުރާމައިގެ ތަމްރީން ދިނުމަށް ފަހު ރަޝިޔާ/ޔުކްރެއިން ހަނގުރާމައިގެ ކުރީ ސަފަށް ގެންދޭ."

ސީބީއައި އިން ބުނީ އިންޑިއާ މީހުން ރަޝިއާއަށް ފޮނުވަން އުޅުނު 35 ހާދިސާއެއް ދެނެގަނެވިފައިވާ ކަމަށާއި އެކަމަކު މިހާރު ވެސް ގެންދަނީ މިގޮތަށް ފޮނުވާ މީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ރަޝިއާ ސިފައިންގެ ތެރޭގައި ތިބިކަން އެނގިފައިވާ އިންޑިއާގެ 20 މީހަކު އަނބުރާ ގައުމަށް ގެނެވޭނެ ގޮތެއް ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސީބީއައި އިން ވަނީ ރަޝިއާ އަށް އިންޑިއާ މީހުން ފޮނުވާކަމުގެ ތުހުމަތުވާ ހަތަރު މީހެއްގެ ނަން ވެސް ހާމަކޮށްފަ އެވެ. އޭގެ ތެރެއިން އެކަކީ ދުބާއީގައި އުޅޭ ރެކްރޫޓް އެޖެންޓެއް ކަމަށްވާ ފައިސަލް ޚާން އެވެ. އޭނާގެ "ބާބާ ވްލޮގް" ގައި ރަޝިއާ ސިފައިންގެ ވަޒީފާތަކަށް މީހުން ހޯދަން އިސްތިހާރުތައް ޖަހާފައިވެ އެވެ. އެކަމަކު މިދިޔަ މަހު ޚާން އޭއެފްޕީ އަށް ބުނި ގޮތުގައި އޭނާ އިންޑިއާގެ 16 ވަރަކަށް މީހުން ރަޝިއާ އަށް ފޮނުވި ފަހުން، އެ މީހުންނަށް ހަތިޔާރުދީ، ހަނގުރާމައަށް ނެރޭކަން އެނގުމުން ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އަދި އޭގެ ފަހުން މިހާރު ވަނީ މީހުން ފޮނުވުން ހުއްޓާލާފައި ކަމަށް ވެސް ބުންޏެވެ.

ރަޝިއާއަށް ގޮސް ތިބި އިންޑިއާގެ ބައެއް މީހުން އޭއެފްޕީއަށް ބުނި ގޮތުގައި އެ މީހުން ގެންދިޔައީ ވަރަށް ބޮޑު މުސާރަ އާއި ރަޝިއާގެ ޕާސްޕޯޓް ވެސް ލިބޭނެ ކަމަށް ބުނެފަ އެވެ. ސިފައިންގެ ވަޒީފާގެ ގޮތުގައި އަދާކުރަން ޖެހޭނީ ހަނގުރާމައާ ގުޅުން ނެތް ސިފައިންގެ އެހެން ބައެއް މަސައްކަތްތައް ކަމަށް ބުންޏަސް ނެރެނީ ސީދާ ހަނގުރާމައަށް ކަމަށް އެ މީހުން ބުނެ އެވެ. -- އޭއެފްޕީ