Roadha Mihaaru
ޔުކްރޭން ހަނގުރާމަ: އިންޑިއާ އަށް ރަޝިޔާގެ ތައުރީފް

ޔުކްރޭން ހަނގުރާމައިގައި އިންޑިއާގެ ސިޔާސަތަށް ރަޝިޔާގެ ތައުރީފް

01 އެޕްރީލް 2022

ނިއު ދިއްލީ (އެޕްރީލް 1) - ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކާ ޚިލާފަށް ރަޝިޔާއާ ދެމެދު އިންޑިއާ އިން ގެންގުޅުނު ސިޔާސަތަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ތައުރީފް ކުރައްވައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 1) - ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކާ ޚިލާފަށް ރަޝިޔާއާ ދެމެދު އިންޑިއާ އިން ގެންގުޅުނު ސިޔާސަތަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ތައުރީފް ކުރައްވައިފަ އެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ނިއު ދިއްލީ އަށް ވަޑައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރާ އެކު ރަސްމީ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ލަވްރޯފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔުކްރޭން ހަނގުރާމައިގައި އިންޑިއާ އިން ރަޝިޔާ ބަލައިގަތް ގޮތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"މި ހަނގުރާމައިގައި އިންޑިއާ އިން ވަކިކޮޅެއް ނުނަގައި މުޅި މަންޒަރަށް ވިސްނީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ލަވްރޯފް ވިދާޅުވި އެވެ.

ރަޝިޔާ އިން ޔުކްރޭނަށް މިދިޔަ މަހު އަރައިގަތުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ނަމަވެސް އިންޑިއާ އިން ރަޝިޔާ ކުށްވެރިކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިންޑިއާ މަސައްކަތްކުރީ ޔުކްރޭން، ރަޝިޔާ އަދި ހުޅަނގާ އެކު ވެސް ޑިޕްލޮމެޓިކް ހަމަހަމަކަމެއް ގެންގުޅެވޭތޯ އެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

އިންޑިއާ އާއި ރަޝިޔާ އަކީ ޒަމާނުއްސުރެ އެކުވެރި އެ ދެ ގައުމެވެ. ރަޝިޔާ އިން ގިނަ އަދަދެއްގެ ހަތިޔާރު އިންޑިއާ އިން ގަނެއެވެ. އަދި ރަޝިޔާ އިން އަގުހެޔޮ ކްރޫޑް އޮއިލް އިންޑިއާ އިން ގަނެ އެވެ.