Roadha Mihaaru
ރަޝިޔާގެ 30 ކިލޯމީޓަރު އެތެރޭގައި ޔުކްރެއިން ސިފައިން

ރަޝިޔާގެ 30 ކިލޯމީޓަރު އެތެރޭގައި ޔުކްރެއިން ސިފައިން

12 އޯގަސްޓް 2024

ރަޝިޔާގެ ބޯޑަރު ހުރަސްކޮށް ޔުކްރެއިންގެ އެތައް ހާސް ސިފައިންނެއް ވަދެ ގެއްލުންތައް ދެމުން ގެންދާ ކަމަށް ޔުކްރެއިނުން ބުނެފައި ވަނިކޮށް ރަޝިޔާގެ 30 ކިލޯމީޓަރު އެތެރެއިން ޔުކްރެއިން ސިފައިންނާއި އަސްކަރީ އާލާތްތަކަށް ހަމަލާދީފައިވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ބޯޑަރު ހުރަސްކޮށް ޔުކްރެއިންގެ އެތައް ހާސް ސިފައިންނެއް ވަދެ ގެއްލުންތައް ދެމުން ގެންދާ ކަމަށް ޔުކްރެއިނުން ބުނެފައި ވަނިކޮށް ރަޝިޔާގެ 30 ކިލޯމީޓަރު އެތެރެއިން ޔުކްރެއިން ސިފައިންނާއި އަސްކަރީ އާލާތްތަކަށް ހަމަލާދީފައިވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާ އާއި ޔުކްރެއިނުން 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ގޮސް ޔުކްރެއިނަށް ރަޝިޔާ ސިފައިން އެރީ ފެބްރުއަރީ 24، 2022 ގަ އެވެ. އޭގެ ފަހުން ހަނގުރާމަ ވަރުގަދަވެ އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު މި ފަހުން ޔުކްރެއިންގެ ބޯޑަރު ސަރަހައްދުގެ ބައެއް އަވަށްތައް ރަޝިޔާއިން ވަނީ ހިފައިފަ އެވެ.

އެކަމަކު ރަޝިޔާއަށް ލިބުނު ކުރިއެރުންތަކަށް ފަހު ޔުކްރެއިން ސިފައިން މިދިޔަ އަންގާރަ ދުވަހު ރަޝިޔާ ތެރެއަށް ވަދެގަތުމާ އެކު ރަޝިޔާއަށް ވަނީ ސިހުން ލިބިފަ އެވެ. އެއާ އެކު ރަޝިޔާއިން އިތުރު ސިފައިންނާއި ޓޭންކާއި ޑްރޯންތަކާއި ބަރު ހަތިޔާރުތައް ވަނީ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފަ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި "ރަޝިޔާގެ އެންމެ އެތެރެއަށް ވަދެގަތުމަށް ދުޝްމަނުން ކުރި މަސައްކަތެއް ސިފައިންނާއި، ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާދީ ވަނީ ނާކާމިޔާބުކޮށްލައިފަ" އެވެ.

ރަޝިޔާއިން ބުނެފައިވަނީ އެ ގައުމުގެ ބޯޑަރު ހުރަސްކޮށް ޔުކްރެއިންގެ ހާހެއްހާ ސިފައިން ވަދެފައިވާ ކަމަށެވެ. އެކަމަކު އޭއެފްޕީއަށް ވާހަކަ ދެއްކެވި ޔުކްރެއިންގެ އޮފިޝަލަކު ވިދާޅުވީ "އެތައް ހާސް" ސިފައިންނެއް ރަޝިޔާ ތެރޭގައި ވެއްޖެ ކަމަށެވެ.

ޔުކްރެއިންގެ ސިފައިންފެ ފައުޖަކަށް ހަމަލާދީ ހުއްޓުވި ކަމަށް ރަޝިޔާއިން ބުނުމާ އެކު މިއީ ޔުކްރެއިން ސިފައިން ރަޝިޔާގެ އެތެރަށް ވަދެފައިވާލެއް ބޮޑުކަން ކަށަވަރުކޮށްދިން ވާހަކައެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ހަމަލާ ދިން ކަމަށް ރަޝިޔާއިން ބުނާ ދެ އަވަށަކީ ބޯޑަރުން ފެށިގެން 25-30 ކިލޯމީޓަރު އެތެރެ އެވެ.

ރަޝިޔާއިން ބުނި ގޮތުގައި ޔުކްރެއިން ސިފައިން މޮބައިލް ފައުޖުތަކުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ވައިގެ މަގުން އަދި ހާއްސަކޮށް ޑްރޯން ބޭނުންކޮށްގެން ގެންދަނީ މަސައްކަތްކުރަމުންނެވެ. ޔުކްރެއިން ސިފައިން މިހާރު ރަޝިޔާ ތެރެއަށް ވަދެފައިވާ ދިމާ ނޫން އެހެން ދިމާލަކުން ވެސް ވަންނަން މަސައްކަތްކުރި ކަމަށާއި އެކަމަކު އެކަން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ރަޝިޔާއިން ބުންޏެވެ. -- އޭއެފްޕީ