Roadha Mihaaru
ބައެއް އެމްޑީން ނަގަނީ އެމްއެމްއޭގެ ތެރެއިން

ބައެއް އެމްޑީން ނަގަނީ އެމްއެމްއޭގެ ތެރެއިން، މުސާރަ އަށް މާ ބޮޑު ބަދަލެއް ނާންނާނެ

12 އޯގަސްޓް 2024

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިންގުން ޒަމާނީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު ކަނޑައަޅާފައި ވިޔަސް އޭގެ ބޭނުމަކީ އެ އިދާރާގައި މިހާރު ތިއްބެވި އިސްވެރިންނަށް ފުރުސަތުތައް ދީ، މޯޓިވޭޓު ކުރުވުން ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިންގުން ޒަމާނީ ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު ކަނޑައަޅާފައި ވިޔަސް އޭގެ ބޭނުމަކީ އެ އިދާރާގައި މިހާރު ތިއްބެވި އިސްވެރިންނަށް ފުރުސަތުތައް ދީ، މޯޓިވޭޓު ކުރުވުން ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވިދާޅުވީ، އެސިސްޓެންޓް ގަވަރުނަރުންގެ މަގާމު އަދާކުރުމަށް ފަހު، އިތުރަށް ކުރިއަށް ދެވޭނެ މަގުތަކެއް އެމްއެމްއޭގެ އިދާރީ އޮނިގަނޑުގައި މިހާރު ނެތް ކަމަށެވެ. އެހެންވެ، އެ އިދާރާގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އަންނަން ފުރުސަތު ދިނުމުން، މުވައްޒަފުންނަށް ކޮންމެ ފަސް އަހަރަކުން އެ ޑިޕާޓްމެންޓެއްގެ ހިންގުމުގެ ކަންކަން ބެލެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޖުލައި 31 ގައި ގަވަރުނަރުގެ މަގާމާ މުނައްވަރު ހަވާލުވެވަޑައިގަތުމަށް ފަހު، އެ އިދާރާގެ ބޯޑުން ފާސްކޮށްފައި ވަނީ ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމަށެވެ. އަދި އެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.

މެނޭޖިން ޑިރެކްޓަރުން ކަނޑައަޅާ ފަސް ދާއިރާއަކީ:

- މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް

- ފައިނޭންޝަލް ސްޓެބިލިޓީ

- ބޭންކިން އޮޕަރޭޝަންސް

- ކޯޕޮރޭޓް ސަވިސަސް

- ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް

މުނައްވަރު އިއްޔެ ވިދާޅުވީ، ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރަނީ އެމްއެމްއޭގެ ސްޓްރަކްޗަރަށް މާބޮޑު ބަދަލެއް ނުގެނެސް، މިހާރު ތިބި މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، އޭގެ ބޭނުމަކީ އެމްއެމްއޭގެ ލިޑަޝިޕް ލެވެލްގައި ތިބި މުވައްޒަފުންނަށް އާ ފުރުސަތުތަކެއްދީ، ކުރިއަށް ދެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމެވެ. އޭނާ ވިދާޅުވީ، އެ އިދާރާގެ ސްޓްރަކްޗާ އެކުލަވާލާފައިވާ ގޮތުން އެއްވެސް ގޮތަކަށް މިޑުލް މެނޭޖްމެންޓުގެ މީހުންނަށް ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މިކަން މިހެން ވީމާ ހުރިހާ އެންމެން ވެސް އެ މީހަކު ކުރަން އޮތް މަސައްކަތް ނިންމާލާފައި އެ ދުވަހު ގެއަށް ދަނީ. އައުޓްޕުޓް ނެރެވޭނެ އިތުރު ގޮތެއް ނެތް. އެކަން ބަދަލު ކުރަން އަޅުގަނޑު ގެނައި ޗޭންޖެއް މިއީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މިތާ ތިބި ބޭފުޅުން ވެސް ކޮމްޕީޓު ކުރާނެ ކަމަށް. އެ މަގާމުގައި ފަސް އަހަރު ނުވަތަ 10 އަހަރު ތިއްބަވާފައި، އެ ބޭފުޅުންނަށް ކުރީގެ މަގާމަށް ދެވޭނެ."

މުނައްވަރު ވިދާޅުވީ، އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރާ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނީ އެސިސްޓެންޓް ގަވަރުނަރުގެ މުސާރަ ކަމަށާއި އެކަމަކު އިތުރަށް އެލަވަންސެެއް ލިބޭނެ ކަމަށެވެ.

"ހަމައެކަނި ޓައިޓަލްއެއް [މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ] އެ ޓައިޓަލްގައި ހުރެ ކުރާ މަސައްކަތަށް އިތުރު އެލަވަންސެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އިން އަލަށް އުފެއްދި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ މެނޭޖިން ޑިރެކްޓަރެއްގެ މުސާރަ އާއި އިނާޔަތަކީ އިއުލާނުގައިވާ ގޮތުން 50،000-55،000ރ. އެވެ.

އެމްއެމްއޭގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނާ އަޅާ ކިޔާއިރު ބޮޑެވެ.