Roadha Mihaaru
ބިދޭސީންގެ ފީތަކުން ދައުލަތަށް 636މިލިއަން ލިބެންޖެހޭ

ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީއަށް ޖުމްލަ 636 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ

25 ޖުލައި 2024

ރާއްޖޭގައި މަސައްކަތް ކުރުވާ ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އިން ދައުލަތަށް މުޅި ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަން ހޯމް މިނިސްޓްރީން ރޭ އާންމުކުރި ލިސްޓުން ހާމަވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މަސައްކަތް ކުރުވާ ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އިން ދައުލަތަށް މުޅި ޖުމްލަ 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަން ހޯމް މިނިސްޓްރީން ރޭ އާންމުކުރި ލިސްޓުން ހާމަވެއްޖެ އެވެ.

މިއީ، ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކާއި މީހުންގެ ނަންތައް ހާމަކުރި ފުރަތަމަ ފަހަރެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ހިމެނެ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 1،026 ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ޖުމްލަ 636،534،736ރ. ދައުލަތަށް ދައްކަން ޖެހެ އެވެ.

ޖޫރިމަނާގެ ތަފުސީލް

ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.

ކޯޓާ ފީގެ ގޮތުގައި 96،550،286ރ.

ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.

ހޯމް މިނިސްޓްރީން އާއްމުކުރި ލިސްޓުގައިވާ ގޮތުން އެންމެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހެނީ ފުޓްސަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓުންނެވެ. އެއީ، 26.8 މިލިއަން ރުފިޔާ އެވެ.

މިލިއަނުން ޖޫރިމަނާ ދައްކަން ޖެހޭ 123 ކުންފުނި މި ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވަރަށް މަޝްހޫރު، ގިނަ ދުވަސްވީ ކުންފުނިތައް ހިމެނެ އެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރުން ހުއްޓުވައި ވިޔަފާރި ހިންގާ ބިދޭސީން ޑިޕޯޓްކުރުން ހިމެނެ އެވެ.

ބިދޭސީންނަށް މުސާރަ ނުދޭ ނަމަ، ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަންނަން ރެއިޑް އޮޕަރޭޝަން ހިންގައި އަތުލައިގަންނަ މީހުން ޑީޕޯޓްކުރަން ވެސް ވަނީ ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް އެކަނިވެސް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ފުޅާދާއިރާއެއްގައި މާލޭގައި ވިޔަފާރި ހިންގާ މީހުންނާއި ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހުން ވެސް ހިމެނެ އެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އެ އިދާރާއަށް ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް ވެސް ގާއިމްކޮށްފަ އެވެ.