Roadha Mihaaru

ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުކުރަން ފަހު ފުރުސަތު ދީފި

ބިދޭސީންގެ ބަޔޯމެޓްރިކްސް ހިއްސާކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށް، އެންމެ ފަހު ފުރުސަތު މިއަދު ދީފި އެވެ.

ބިދޭސީންގެ މައުލޫމާތު އަޕްޑޭޓުކުރަން ފަހު ފުރުސަތު ދީފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖޫން 2025

ބިދޭސީންގެ ބަޔޯމެޓްރިކްސް ހިއްސާކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށް، އެންމެ ފަހު ފުރުސަތު މިއަދު ދީފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ފަރާތްތަކުގެ ނަން މަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްނުކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންވެ، މި މަހުގެ 30ގެ ކުރިން އަޕްޑޭޓްނުކޮށްފި ނަމަ، އަންނަ މަހުގެ 13 ގެ ކުރިން ފިޔަވަޅު އަޅަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބަޔޯމެޓްރިކްސް އަޕްޑޭޓުކުރުމަށް އެންމެ ފަހުން މުއްދަތު ދިނީ މިިދިޔަ އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް، އަދި ވެސް ގިނަ ބަޔަކު އެދެމުންދާތީ މުއްދަތު އިތުރުކުރީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަޅާ ފިޔަވަޅުތައް

- ބައޯމެޓްރިކްސް އަޕްޑޭޑްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދޭ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލުން.

- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށް ފަހު ބާތިލްކުރުން

- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން

- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކްޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާ ހިލާފަށް މަސައްކަތްކުރާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލްކުރުން

- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވާކްޕަމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން

- ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ފަހު އެކްޓިވް ވޯކް ޕާމިޓެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން

- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ މީހަކަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ދިނުން

- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ބޭރުގައި ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވޯކް ޕާމިޓް ބާތިލްކުރުން.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން މީހުން ދިރިއުޅޭ ގިނަ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ވަނީ މައުލޫމާތު އެއްކޮށްފަ އެވެ. އޭގެ ތެރެއިން 25،000 އަށްވުރެ ގިނަ ބިދޭސީން ރެގިއުލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.