Roadha Mihaaru
"ރާއްޖޭގައި އޮތީ ގާނޫނަށް ތަބާނުވުމުގެ ސަގާފަތެއް"

ރާއްޖޭގައި އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއް: އިހުސާން

25 ޖުލައި 2024

ރާއްޖޭގައި މިހާރު އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއް އަށަގެންފައި ކަމަށާއި އެ ސަގާފަތް ކަނޑުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި މިހާރު އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއް އަށަގެންފައި ކަމަށާއި އެ ސަގާފަތް ކަނޑުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދޭ މަސައްކަތް ކަމަށާއި އެކަން ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކުން 24 ގަޑިއިރު ކުރަމުން އަންނަ ކަމަށެވެ.

މާލެ ފަހި ޕްރޮގްރާމްގެ ދަށުން ހަދާ ގަވައިދުތަކާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ވެސް ކެނޑި ނޭޅި މަސައްކަތް ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެހިކަލް ރެޖިސްޓްރޭޝަން ކުރަމުން ދިޔައީ ޓްރްންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް ކޮމްޕްރަމައިޒްކޮށްގެން އޭގެ ބެކް އެންޑުން ރެޖިސްޓްރޭޝަންތައް ހަދައިގެންނެވެ. އެކަން ކުރި ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ފޭކް ނަމްބަރު ޕްލޭޓް ޖަހައިގެން ދުއްވުމާއި މީހުންނަށް އުނދަގޫވާ ގޮތަށް ސައިލެންސަރު މޮޑިފައި ކޮށްގެން ސައިކަލު ދުއްވުން ފަދަ ކަންކަން ހުއްޓުވާނެ ކަމަށާއި ބޭނުން ނުކޮށް މަގުމައްޗަށް ދޫކޮށްލާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ގާނޫނާއި ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތް. ރައީސް ވަނީ އެ ސަގާފަތް ބަދަލު ކުރުުމަށް އަންގަވާފައި. އެކަން އަޅުގަނޑުމެން، އިދާރާތަކާ ގުޅިގެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ފަހި ޕްރޮގްރާމްގެ ދަށުން ޕާކިން މައްސަލަ ހައްލު ވަންދެން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތައް ކައިރިން ވެހިކަލް ޓޯ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ގެތަކަށް ވަދެވޭ ގޮތަށް ހާއްސަ އެކްސެސް ތަކެއް ހެދުމަށް ފަހު، އުނދަގޫވާ ގޮތަށް އެތަންތަނުގައި ޕާކު ކުރާ ފަރާތްތަކުގެ ވެހިކަލްތައް ވެސް ނަގަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.