Roadha Mihaaru
10 ކުޅުންތެރިއެއްގެ މުސާރައަށް 688 މިލިއަން ޑޮލަރު

ސައޫދީ ކްލަބްތަކުން 10 ކުޅުންތެރިއެއްގެ މުސާރައަށް 688 މިލިއަން ޑޮލަރު ހޭދަކުރޭ

23 ޖުލައި 2024

ސައޫދީ އަރަބިއްޔާގެ ފުޓްބޯޅަ ލީގުގެ އެންމެ މުސާރަ ބޮޑު 10 ކުޅުންތެރިންނަށް އަހަރަކު މުސާރައިގެ ގޮތުގައި 688.3 އެމެރިކާ ޑޮލަރު ކްލަބްތަކުން ހޭދަކުރާ ކަމަށް ޓްރާންސްފާމާކެޓް ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ފުޓްބޯޅަ ލީގުގެ އެންމެ މުސާރަ ބޮޑު 10 ކުޅުންތެރިންނަށް އަހަރަކު މުސާރައިގެ ގޮތުގައި 688.3 އެމެރިކާ ޑޮލަރު ކްލަބްތަކުން ހޭދަކުރާ ކަމަށް ޓްރާންސްފާމާކެޓް ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ ދިވެހި ރުފިޔާ އިން ނަމަ ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ ލީގު އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު 10 ކުޅުންތެރިންނަށް ލިބޭ ޖުމްލައަކީ 204 މިލިއަން ޑޮލަރެވެ. އެހެންކަމުން ސައޫދީ ކްލަބްތަކުން އަންނަނީ ޕްރިމިއާ ލީގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މުސާރަ ދެމުންނެވެ.

މި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބޭ އައް ނަސްރުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަހަރަކު 218 މިލިއަން ޑޮލަރު ލިބެ އެވެ.

ދެން އެންމެ ބޮޑު މުސާރައެއް ލިބެނީ އައް އިއްތިހާދު އަށް ކުޅޭ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އާއި އައް ހިލާލްގެ ބްރެޒިލް ފޯވާޑް ނޭމާ އެވެ. މި ދެ ކުޅުންތެރިންނަށް އަހަރަކު 109 މިލިއަން ޑޮލަރު ދެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ސައުދީގެ ޕްރޯ ލީގުން ބޮޑު މުސާރައިގައި ކުޅުންތެރިން ގެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު ރޮނާލްޑޯ ގެންގޮސްގެންނެވެ. އޭގެ ފަހުން މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ވަނީ އެ ލީގާ ގުޅިފަ އެވެ.

މީގެ ކުރިން މަޝްހޫރު ކުޅުންތެރިން އޭޝިއާ އާއި އެމެރިކާގެ ލީގުތަކަށް ބަދަލުވަނީ ރިޓަޔާކުރަން ގާތްވުމުންނެވެ. ނަމަވެސް ސައުދީގެ ކްލަބްތަކުން ހުށަހަޅާ މުސާރައިގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިން ވަނީ ކެރިއަރުގެ ރަނގަޅު ހިސާބެއްގައި ވެސް އެ ލީގަށް ބަދަލުވެފަ އެވެ.

އޭގެ ތެރޭގައި 57.3 މިލިއަން ޑޮލަރުގެ މުސާރައަކަށް އަލް އަހްލީ އަށް ކުޅެމުން އަންނަ އަލްޖީރިއާގެ ރިޔާޒް މާރޭޒާއި، 43.3 މިލިއަން ޑޮލަރުގެ މުސާރައަކަށް ނަސްރު އަށް ކުޅޭ ސެނެގާލްގެ ސަޑިއޯ މާނޭ، އަދި 37.8 މިލިއަން ޑޮލަރުގެ މުސާރައަކަށް ހިލާލް އަށް ކުޅޭ ސެނެގާލްގެ ކަލިދޫ ކޫލިބަލީ އާއި 27.3 މިލިއަން ޑޮލަރުގެ މުސާރައަކަށް އެ ޓީމަށް ކުޅޭ ސާބިއާގެ ސާޖެއީ މިލިންކޮވިޗް-ސަވިޗް ހިމެނެ އެވެ.

މި ކުޅުންތެރިންނަށް އަހަރަކު ލިބޭ މި އަދަދަށް، ޓެކްސް އާއި އެހެން ކަންކަމަށް އުނިކުރުމަށް ފަހު ގެޔަށް ގެންދަން ލިބޭ ވަރު މަދުވާނެ އެވެ.

ސައޫދީ ކްލަބްތަކުގެ މުއްސަނދިކަން ގުޅިފައި އޮންނަނީ އެ ގައުމުގެ ސަރުކާރުގެ އެހީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ އިންވެސްޓްމަންޓްތަކުން ކުރާ ހޭދައާ އެވެ. ސައޫދީގެ އިގްތިސާދު ޑައިވާސިފައިކޮށް، އެ ގައުމުގެ ސަގާފަތަށް ވެސް ބަދަލުތަކެއް ގެނެސް މުޅި ދުނިޔެ އަށް ގައުމު ހުޅުވާލަން ކުރާ މަސައްކަތުގައި ފުޓްބޯޅައިގެ ބޭނުން ސަރުކާރުން އަންނަނީ ހިފަމުންނެވެ. އެގޮތުން އެ ގައުމުން މިހާރު ތައްޔާރުވަމުން އަންނަނީ 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށެވެ.