Roadha Mihaaru
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު

ގަވަނަރުކަމުން އަލީ ހާޝިމް ވަކި ކުރައްވައި، މުނައްވަރު އައްޔަން ކުރައްވަނީ

22 ޖުލައި 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވައި، އަދި އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވައި، އަދި އެ މަގާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަން ކުރެއްވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މަޖިލީހުން މިއަދު ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސް ކޮށްފަ އެވެ. އޭގެ ގިނަ އިރުތަކެއް ނުވެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުން އެގޮތަށް ލަފާ ދެއްވާފައިވާތީ އަލީ ހާޝިމް ވަކި ކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

އެ މަގާމަށް އައްޔަން ކުރަން ރައީސްގެ ފަރާތުން ހުށަހަޅުއްވާފައިވާ މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ އޭގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރުމާ މެދު މަޖިލީހުގެ ލަފައަކަށް ރައީސް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

އެމްއެމްއޭ ގާނޫނު އޮންނަ ގޮތުން ގަވަރުނަރު އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ. ނަމަވެސް އައްޔަން ކުރުމުގައި މަޖިލީހުގައި ލަފައެއް އޮންނަން ޖެހެ އެވެ.

އަލީ ހާޝިމް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ފެއްޓެވީ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އަލީ ހާޝިމް ސަރުކާރަށް އެއްވެސް ލަފައެއް އަރުވާފައި ނުވެ އެވެ.

ގަވަރުނަރު ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ބާރު އެޅުއްވުމާއި އިގުތިސާދުގެ ތެރޭގައި ދައުރުވާން ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުމާއި އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ނުކުރުމުގެ އިތުރުން ކުށްކުރުން ހުއްޓުވަން ބޭނުންވާ އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ހިމެނެ އެވެ.

އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އަލީ ހާޝިމް ވަކި ކުރީ ސަރުކާރުގެ ނުފޫޒު އޮތް މީހަކު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ބޭނުމުގަ އެވެ.

ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019 ގައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.