Roadha Mihaaru
"ގަރުދިޔަ، ބަތް ކާން ޖެހުނީ ކުރީގެ ސަރުކާރާ ހެދި"

ގަރުދިޔަ އާއި ބަތް ކާން ޖެހުނީ ކުރީގެ ސަރުކާރާ ހެދި: ގާސިމް

22 ޖުލައި 2024

ރައްޔިތުން ނިކަމެތި ހާލުގައި "ގަރުދިޔަ އާއި ބަތް ކާން ޖެހޭ" ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުން ނިކަމެތި ހާލުގައި "ގަރުދިޔަ އާއި ބަތް ކާން ޖެހޭ" ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުންނެވެ.

ގަޕޯ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު ގައުމުގެ އިގްތިސާދު ހުރީ ރަނގަޅަށެވެ. އިގްތިސާދަށް މި އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން ކަމަށާއި އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކައާ އެކު، ނިޒާމީ މައްސަލައެއް ނަންގަވައި ގާސިމް ވިދާޅުވީ ގަޕޯ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ދައުލަތަށް މި ހާލަތު ދިމާވީ އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުން ނެގި ލޯނުތަކާއި ކުންފުނިތަކުން ޑަބަލްކޮށް، ކުރަމުން ދިޔަ ހަރަދުތަކުގެ ސަބަބުން ކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި ނިކަމެތި ހާލުގައި ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް ފޮނުވާލީ މައިގަނޑު ގޮތެއްގައި މިދިޔަ ސަރުކާރުން،" މިހާރު މި ސަރުކާރާ އެކު ހުންނެވި ގާސިމް ވިދާޅުވި އެވެ.

ގަރުދިޔަ އާއި ބަތުގެ ވާހަކަ ގާސިމް ވިދާޅުވީ، މީގެ ކުރިން ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކައެއްގައި ދެއްކެވި ވާހަކަ އަށް އިޝާރަތް ކުރައްވަ އެވެ.

ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަތައް ދައްކަވަމުން އާރިފް ވިދާޅުވި ގޮތުގައި އަބަދު ޓޭކް އަވޭ ހަދައިގެން ކެއުން ހުއްޓާލައި ގޭ ތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތް ކައްކައިގެން ކާލައިގެން އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން މި ދުވަސްވަރު ޖެހެ އެވެ.

އެ ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި އާރިފް އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

އެކަމާ ގުޅުވައި ގާސިމް ވިދާޅުވީ، ރައްޔިތުން އެފަދަ ހާލަތަކަށް ގައުމު ދާން ޖެހުނީ އެމްޑީޕީ ސަރުކާރުގެ އަމަލުތަކާ ހެދި ކަމަށް އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމްގެ ވާހަކައިން ވެސް އެނގޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް އެޅުން މުހިންމު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.