Roadha Mihaaru
ފަންނުވެރިކަން ކުރިއަރުވަން 25 މިލިއަންގެ ގްރާންޓެއް

ފަންނުވެރިކަން ކުރިއަރުވަން ބަޖެޓުން 25 މިލިއަން ރުފިޔާގެ ގްރާންޓެއް ހަމަޖައްސާނަން: ރައީސް

20 ޖުލައި 2024

ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"އަންވެއިލިން ވިޝަން 2024" ގެ ނަމުގައި އާޓް ގެލަރީގައި ކުރިޔަށް އެގްޒިބިޝަން ބައްލަވާލެއްވުމަށް ފަހު އެ ހަރަކާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ފަންނުވެރިކަމުގެ ދާއިރާ އަށް ބޭނުންވާ ފުރުސަތުތައް ފުރިހަމަ އަށް ހުޅުވާލަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެއް ކަމެއް ގޮތުގައި އާޓްގެ ފަންނު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ފަންނުވެރިންނަށް ބޭނުންވާ މެޓީރިއަލް ހޯދުމާއި އެހެނިހެން ގޮތްގޮތުން ކުރިޔަށް ދިޔުމަށް ވަކި ބަޖެޓެއް ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން އެ ފުރުސަތު ހުލުވައިލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީ އަށް ހަރަދު ކުރުމަށް ގްރާންޓު ގޮތުގައި ދޫކުރުމަށް ކޮންމެ އަހަރަކު 25 މިލިއަން ރުފިޔާ ހަމަޖައްސައި ދޭނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޔޫތު މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ކަންކަމަށް ހުޅުމާލެއިން ޖާގައެއް ހަމަޖައްސަން ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

އެހެންކަމުން އާޓްވޯކްތައް ދައްކާލުމަށް މާލޭގައި އޮންނަ ޖާގަ އިތުރު ކުރުމާއެކު މާލެ އަށް ވުރެ ބޮޑު ޖާގައެއް ހުޅުމާލެއިން ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެތަނުން އާޓިސްޓުންނަށް މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ހަމަޖެހިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގްޒިބިޝަން އިން ފެނިގެން ދިޔަ މަސައްކަތްތަކަކީ ފަންނުވެރިން ކެރިއާއެއްގެ ގޮތުގައި ކުރިޔަށް ގެންގޮސް އޭގެން އާމްދަނީ ލިބޭނެ މަސައްކަތަކަށް ހަދަން ސަރުކާރުން އެހީތެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އާއި ރާއްޖެއިން ބޭރުގެ އެކި ފޯރަމްތަކަށް ދިވެހި އާޓިސްޓުންގެ މަސައްކަތް ގެންގޮސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.

އޭގެ އިތުރުން ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ މެނިފެސްޓޯގެ ދަށުން ފަންނުވެރިން ކުރާ މަސައްކަތް އިންޓަނެޓު މެދުވެރިކޮށް ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނީ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތް ކާމިޔާބުވުމުން ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ކުރެހުންތައް ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭ ކުރިޔަށް ގެންދިޔައީ އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ބޭއްވި ހަތް ވަނަ އަންވީލިން ވިޝަން އެގްޒިބިޝަން އެެވެ. މި އެގްޒިބިޝަން އަށް 200 އަށް ވުރެ ގިނަ ފަންނުވެރިން ކުރިމަތިލި އިރު 105 މަސައްކަތެއް ވަނީ ޝޯޓްލިސްޓުކޮށް އާޓްގެލަރީގައި ދައްކާލައިފަ އެވެ.