Roadha Mihaaru
ދެވަނަ މެޗުން ވެސް ރާއްޖެ މޮޅެއް ނުވި

ދެވަނަ މެޗުން ވެސް ރާއްޖެ މޮޅެއް ނުވި

20 ޖުލައި 2024

މާލޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި ސްރީލަންކާއާ ވާދަކޮށް ވެސް ސީދާ ތިން ސެޓުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

މާލޭގައި މިހާރު ކުރިއަށްދާ ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި ސްރީލަންކާއާ ވާދަކޮށް ވެސް ސީދާ ތިން ސެޓުން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓްތައް ސްރީލަންކާ ކާމިޔާބު ކުރީ 25-8، 25-9 އަދި 25-16 އިންނެވެ.

ފުރަތަމަ މެޗުގައި ކިރިގިސްތާނު އަތުން ވެސް ރާއްޖެ ވަނީ ސެޓެއް ނުލިބި ބަލިވެފަ އެވެ. ނަމަވެސް ސްރީލަންކާ ވަނީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މި މެޗުގައި ވެސް ފުރަތަމަ ދެ ސެޓާ ހިލާފަށް ފަހު ސެޓުގައި ރާއްޖޭގެ ޓީމުން ކުޅުނީ ގިނަ ކަންކަން ރަނގަޅު ކޮށްގެންނެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ޓީމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމެވެ. އެގޮތުން ރާއްޖޭގެ ސްކޮޑުގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 17 އަހަރެވެ. އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ހުރީ މިދިޔަ އަހަރުން ފެށިގެން ސީނިއާ ސްކޮޑުގައި ވެސް ހިމެނޭ މާޔާ ހުސެއިން ސޮލާހެވެ.

ރޭ ކުޅުނު މެޗު ކިރިގިސްތާނުން ސީދާ ތިން ސެޓުން ކާމިޔާބު ކުރި ނަމަވެސް ނޭޕާލް ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. އެގޮތުން ކިރިގިސްތާނުން ސެޓްތައް ގެންދިޔައީ 27-25، 25-23 އަދި 25-17 އިންނެވެ.

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭނެ އެވެ. ހަވީރު 4 ޖަހާއިރު ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާއިރު، މިރޭ 9 ޖަހާއިރު ކިރިގިސްތާނާއި ސްރީލަންކާ ބައްދަލުކުރާނެ އެވެ.

ހޯމަ ދުވަހު ކުޅޭ ސެމީ ފައިނަލްގައި ހަތަރު ޓީމު ވެސް ވާދަކުރާނެ އެވެ. އެގޮތުން ލީގު ބުރުގެ އެއްވަނަ އަދި ހަތަރުވަނަ ޓީމު ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކޮށް، ދެވަނަ އަދި ތިންވަނަ ޓީމު ސެމީގެ ދެވަނަ މެޗުގައި ކުޅޭނެ އެވެ. އަދި ސެމީން މޮޅުވާ ދެޓީމު ކުޅޭ ފައިނަލް މެޗާއި ސެމީން ބަލިވާ ދެ ޓީމު ކުޅޭ ތިންވަނަ ހޮވާ މެޗު ކުޅޭނީ އަންގާރަ ދުވަހު އެވެ.