Roadha Mihaaru
ސެމީގެ މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ: ކޯޗު

ސެމީގެ މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ: ކޯޗު

09 ސެޕްޓެމްބަރ 2024

ރާއްޖޭގެ މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެލެންޖް ކަޕުގެ ސެމީ ފައިނަލު މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ ކަމަށް، ދިވެހި ޓީމުގެ ކޯޗު ސޮފްވާން އަހްމަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެލެންޖް ކަޕުގެ ސެމީ ފައިނަލު މެޗަށް ކުޅުންތެރިން މާ ބޮޑަށް ސަމާލުވާނެ ކަމަށް، ދިވެހި ޓީމުގެ ކޯޗު ސޮފްވާން އަހްމަދު ބުނެފި އެވެ.

ރައުންޑް ރޮބިން ބުރުގެ ފަހު މެޗުގައި، ރޭ ކިރިގިސްތާން އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. ސީދާ ތިން ސެޓުން ކިރިގިސްތާން ކާމިޔާބު ކުރި މެޗުގައި ފުރަތަމަ ސެޓާއި ފަހު ސެޓްގައި ރާއްޖޭގެ ކުޅުންތެރިން ހިތްވަރު ކުރި އެވެ. އެކަމަކު ދެ ވަނަ ސެޓުގައި ފެނުނީ ދިވެހި ކުޅުންތެރިން މާ ބޮޑަށް ފަސޭހަކޮށްލި ތަނެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ކިރިގިސްތާން އެއް ވަނަ ހޯދުމުން، އެ ޓީމު ކުޅެން ޖެހޭނީ ހަތަރު ވަނަ އަށް ދިޔަ އަފްޣާނިސްތާނާ ދެކޮޅަށެވެ. ރާއްޖެއަށް ލިބުނީ ދެ ވަނަ އެވެ. ދިވެހި ޓީމަށް ޖެހޭނީ އިއްޔެ އަފްޣާނިސްތާން ބަލިކޮށް ގުރޫޕް ސްޓޭޖުގެ ތިން ވަނަ ހޯދި ތަޖިކިސްތާނާ ދެކޮޅަށެވެ.

ގުރޫޕް ސްޓޭޖުގައި 4-1 ސެޓުން ރާއްޖެ ވަނީ ތަޖިކިސްތާން ބަލިކޮށްފަ އެވެ. ސޮފްވާން ބުނި ގޮތުގައި ރާއްޖޭން ބަލި ކުރި ޓީމަކާ ސެމީގައި ކުޅެން ޖެހުނަސް އެ މެޗު ފަސޭހައެއް ނުވާނެ އެވެ.

"ސެމީގެ މެޗަށް އަޅުގަނޑުމެން ވެސް މާ ބޮޑަށް ސީރިއަސްކޮށް ތައްޔާރުވާނަން. އަދި ހަމަ ތަޖިކިސްތާން ޓީމުން ވެސް އެ މެޗަށް ސީރިއަސް ވާނެ. އަދި ހާއްސަކޮށް އަޅުގަނޑުމެން ޓީމު އަތުން އެ ޓީމު ބަލިވެފައި އޮތީމަ އެ ޓީމުން އިތުރަށް ހިތްވަރު ކުރާނެ،" އޭނާ ބުންޏެވެ.

ސެމީ ފައިނަލުގައި ރާއްޖޭގެ މެޗު އޮންނާނީ މާދަމާ ރޭ އެވެ. ފުރަތަމަ ސެމީ ފައިނަލު މެޗު މާދަމާ ހަވީރު އޮންނާނެ އެވެ.

ދިވެހި އެއްވެސް ޓީމަކަށް އަމިއްލަ ފަސްގަނޑުގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތެއް މީގެ ކުރިން ކާމިޔާބު ކުރެވިފައެއް ނެތެވެ. އެ ޝަރަފު ހޯދުމުގެ ފުރުސަތު އަންހެން ވޮލީ ޓީމަށް އެބައޮތެވެ.

ވޮލީގެ ތަޖުރިބާކާރުން ބުނީ ރާއްޖެ އަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ކިރިގިސްތާން ކަމަށެވެ. އެކަމަކު އެއީ ދިވެހި ޓީމަށް ބަލި ނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.