Roadha Mihaaru
އަންހެން ވޮލީ ޓީމަށް ނާކާމިޔާބު، ކޯޗު ބުނީ ތަޖުރިބާއެއް ކަމަށް

އައިއޯއައިޖީ 2023: އަންހެން ވޮލީ ޓީމަށް ނާކާމިޔާބު، ކޯޗު ބުނީ ތަޖުރިބާއެއް ކަމަށް

27 އޯގަސްޓް 2023

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖޭގެ އަންހެން އިންޑޯ ވޮލީބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކެޓި ނަމަވެސް މިއީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށް ރާއްޖޭގެ ކޯޗު، ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ރާއްޖޭގެ އަންހެން އިންޑޯ ވޮލީބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ މުބާރާތުން ކެޓި ނަމަވެސް މިއީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށް ރާއްޖޭގެ ކޯޗު، ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

އަންހެން ވޮލީބޯޅަ ޓީމު މިއަދު ބަލިވީ، ގުރޫޕް ސްޓޭޖުގައި ޓީމުގެ ފަހު މެޗުގައި ސީޝެލްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ސީޝެލްސް މެޗުގެ ސެޓްތައް ގެންދިޔައީ 25-12، 25-21 އަދި 25-18 އިންނެވެ.

ވިޗީޕޮން ބުނީ ޓީމު ބަލިވިއަސް، މުބާރާތް ކުޅޭ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅު ކަމަށާއި، އެއް ފެންވަރެއްގައި މުޅި މެޗު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އިދިކޮޅު ކުޅުންތެރިން ވަރަށް ދިގު، އެމީހުންގެ ބޯޅަތައް ރާއްޖެ ކުޅުންތެރިންނަށް ރިސީވް ކުރަން އުނދަގޫ. އެކަމު ދެވަނަ ސެޓުގައި އެކަން ރަނގަޅު ކުރި. މިއަދު ޓީމުގެ ފޯކަސް އާއި ކޮންސެންޓްރޭޝަން އަދި ކޮމްބިނޭޝަން ވެސް ރަނގަޅުކަމަށް ގަބޫލު ކުރެވޭ މެޗުތެރޭގައި،" މެޗަށް ފަހު އެމްއޯސީ މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު ވިޗީޕޮން ބުންޏެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ކޯޓު މަތީގައި 100 ޕަސެންޓު ދިން. މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅު. މިއީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ލިބުނު ރަނގަޅު އެކްސްޕީރިއަންސެއް."

އަންހެން ވޮލީ ޓީމު އިއްޔެ މޮރީޝަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސުއާދު އަބްދުއްސައްތާރު/ އެމްއޯސީ

އަންހެން ވޮލީ ޓީމު އިއްޔެ މޮރީޝަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސުއާދު އަބްދުއްސައްތާރު/ އެމްއޯސީ

އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން އިއްޔެ މޮރީޝަސް ވަނީ ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ.

މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ސީޝެލްސްގެ ބާރު ސާވިސްތައް ރާއްޖޭގެ ކުޅުންތެރިންނަށް ރިސީވް ކުރަން އުނދަގޫވެ ސީޝެލްސް އިން ފަސޭހަ ކަމާއެކު ސެޓް ކާމިޔާބު ކުރި އެވެ.

ދެވަނަ ސެޓުގައި ރާއްޖޭން ރިސީވްތައް ރަނގަޅު ކޮށްގެން ހަތަރު ޕޮއިންޓުގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް މާ ގިނައިރު ސީޝެލްސް ހިފާއްޓައެއް ނުލެވުނެވެ. މި ސެޓުގައި އައިޝަތު މާޖިދާ އާއި ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ރާއްޖެއަށް ފަރަގު ކުޑަކުރަން މުހިއްމު ޕޮއިންޓުތަކެއް ހޯދައިދިނެވެ.

ތިންވަނަ ސެޓުގެ ފެށުން ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަކޮށެވެ. ނަމަވެސް ސީޝެލްސް އަށް ލީޑު ލިބު ސެޓު ގެއްލުނީ ހެދުނު ގޯސްތަކާ ގުޅިގެންނެވެ.

ރާއްޖޭގެ ފިރިހެން އިންޑޯ ވޮލީބޯޅަ ޓީމު ވެސް ވަނީ ފުރަތަމަ މެޗުގައި ބަލިވެފަ އެވެ. ނަމަވެސް ވަރުގަދަ ރީޔޫނިއަންއާ ދެކޮޅަށް ރާއްޖޭގެ ޓީމުން ވަރުގަދަ ފައިޓެއް ދިނެވެ. ފިރިހެން ޓީމު ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗު އޮންނާނީ އަންގާރަ ދުވަހު މަޑަގަސްކަރައާ ދެކޮޅަށެވެ.