Roadha Mihaaru
އަދަބުދިނުން ފަސްކުރުމުން އިޒްރޭލް އޮލިމްޕިކްސް އަށް

އޮލިމްޕިކްސްއާ ދިމާކޮށް، ފީފާ އިން އިޒްރޭލަށް އަދަބު ދިނުން ފަސްކޮށްފި

20 ޖުލައި 2024

ޒިއުރިކް (ޖުލައި 20) - ބައިނަލްއަގުވާމީ ފުޓްބޯޅައިން އިޒްރޭލް ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގައި ފަލަސްތީނުން ހުށަހެޅި މައްސަލައިގައި ގޮތް ނިންމުން އެ އިދާރާ އިން ފަސްކުރުމާ އެކު، އަންނަ މަހުގެ ޕެރިސް އޮލިމްޕިކްސްގައި އިޒްރޭލުގެ ފުޓްބޯޅަ ޓީމަށް ކުޅެވޭ ގޮތް ވެއްޖެ އެވެ.

ޒިއުރިކް (ޖުލައި 20) - ބައިނަލްއަގުވާމީ ފުޓްބޯޅައިން އިޒްރޭލް ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގައި ފަލަސްތީނުން ހުށަހެޅި މައްސަލައިގައި ގޮތް ނިންމުން އެ އިދާރާ އިން ފަސްކުރުމާ އެކު، އަންނަ މަހުގެ ޕެރިސް އޮލިމްޕިކްސްގައި އިޒްރޭލުގެ ފުޓްބޯޅަ ޓީމަށް ކުޅެވޭ ގޮތް ވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމަށް ފިޔަވަޅު އަޅަން ފަލަސްތީނުން ވަނީ ފީފާގައި މީގެ ދެ މަސް ކުރިން އެދިފަ އެވެ. ކުރިން އޮތީ ފީފާ އިން މިއަދު ބާއްވާ އެކްސްޓްރާ އޯޑިނަރީ ކައުންސިލް ބައްދަލުވުމުގައި މި ކަމަށް ގޮތެއް ނިންމަން ގާނޫނީ ލަފައެއް ހޯދަން އެދިފަ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ފީފާ އިން ބުނީ، ގޮތެއް ނިންމުން ލަސްކޮށްލީ "ފަރުވާތެރިކަމާ އެކު ކަންކަން ބެލުމަށް އިތުރު ވަގުތު ނަގާނެތީ" ކަމަށެވެ.

ފްރާންސްގައި މި އަހަރު ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކް ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ގަ އެވެ.

ނަމަވެސް ފުޓްބޯޅަ އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ އޭގެ ދެ ދުވަސް ކުރިން، ބުދަ ދުވަހު އެވެ. އިޒްރޭލު ހިމެނެނީ ޖަޕާނާއި ޕެރަގުއޭ އަދި މާލީއާ އެއް ގުރޫޕެއްގަ އެވެ.

އިޒްރޭލުގެ ގަތުލުއާންމާ ގުޅިގެން އޮލިމްޕިކްސްގައި އެ ގައުމު ބައިވެރި ނުކުރާން ފަލަސްތީނުގެ އިތުރުން ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ 26 މެމްބަރުންނާއި ދުނިޔޭގެ އެހެނިހެން ކުޅިވަރު ޖަމިއްޔާތަކުން ވެސް ވަނީ ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގައި އެދިފަ އެވެ.

ނަމަވެސް ހަނގުރާމައަކީ އައިއޯސީއާ ގުޅޭ މައްސަލައެއް ނޫން ކަމަށް އެ ޖަމާއަތުގެ ރައީސް، ޖަރުމަނަށް ނިސްބަތްވާ ތޯމަސް ބަކް ވަނީ ބުނެފަ އެވެ. އެކަމަކު، ރަޝިއާ އާއި ޔޫކްރޭނުގެ ހަނގުރާމައާ ގުޅިގެން ފީފާ އާއި ޔޫއެފާ އަދި އައިއޯސީން ވެސް ވަނީ ވަގުތުން ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ.