Roadha Mihaaru
ސީއައިއޭ މީހަކު ކޮރެއާއަށް ޖާސޫސްކޮށްދިނީ ދަބަސް ލިބޭތީ

އަގުބޮޑު އަތްދަބަހުގެ ބަދަލުގައި ސީއައިއޭ މީހަކު ދެކުނު ކޮރެއާ އަށް ޖާސޫސްކޮށްދިން

18 ޖުލައި 2024

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ކުރީގެ އެނަލިސްޓް އަދި ވައިޓް ހައުސްގެ ވެސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު ލަގްޒަރީ ބްރޭންޑްތަކުގެ އަތްދަބަހާއި އަގުބޮޑު ކެއުންތަކާއި ގަހަނާ ފަދަ ތަކެތީގެ ބަދަލުގައި ދެކުނު ކޮރެއާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ކުރީގެ އެނަލިސްޓް އަދި ވައިޓް ހައުސްގެ ވެސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު ލަގްޒަރީ ބްރޭންޑްތަކުގެ އަތްދަބަހާއި އަގުބޮޑު ކެއުންތަކާއި ގަހަނާ ފަދަ ތަކެތީގެ ބަދަލުގައި ދެކުނު ކޮރެއާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

ސޫ މީ ޓެރީ ބޭރުގެ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ނުވެ، އެމެރިކާ ސަރުކާރުގެ މައުލޫމާތު ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއަށް ދިން ކަމަށް ނިއު ޔޯކުގެ ފެޑެރަލް ކޯޓަކަށް ހޯމަ ދުވަހު ހުށަހެޅި ދައުވާގައިވެ އެވެ.

"ދެކުނު ކޮރެއާ ސަރުކާރުގެ އޮފިޝަލުންގެ އިރުޝާދަށް ޓެރީ އެމެރިކާ ސަރުކާރުތެރޭ ވަކާލާތުކުރީ ކޮރެއާގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރުމަށް ... އެމެރިކާ ސަރުކާރުގެ އާންމުކޮށްފައިނުވާ މައުލޫމާތު ކޮރެއާގެ ޖާސޫސީ އޮފިސަރުންނަށް ހާމަކޮށް، ކޮރެއާ ސަރުކާރުގެ އޮފިޝަލުންނަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ ގުޅުވޭނެ ގޮތް ފަހިކޮށްދިން،" ދައުވާގައިވެ އެވެ.

މި ކަންކަމުގެ ބަދަލުގައި ޓެރީގެ ދެކުނު ކޮރެއާގެ ހެންޑްލަރުން ވަނީ 3،450 ޑޮލަރުގެ ލޫއީ ވިޓަން އަތްދަބަހަކާއި 2،950 ޑޮލަރުގެ ބޮޓެގާ ވެނެޓާ އަތްދަބަހަކާއި 2،845 ޑޮލަރުގެ ޑޮލްޗޭ އެންޑް ގަބަނާ ކޯޓެއްގެ އިތުރުން އަގުބޮޑު އެހެން ބައެއް މުދާ ދީފަ އެވެ.

އަދި އަގުބޮޑު ރެސްޓޯރެންޓްތަކަށް ގެންގޮސް، އޭނާ މަސައްކަތް ކުރާ ތިންކް ޓޭންކަކަށް ފައިސާގެ ގޮތުގައި 37،000 ޑޮލަރު ވެސް ސިއްރުވެރި ގޮތުގައި ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، ދެކުނު ކޮރެއާގެ ހެންޑްލަރުން ޓެރީއާ އެކު އެމެރިކާގެ ފިހާރަތަކަށް ގޮސް އަގުބޮޑު އަތްދަބަސް ގަނެދޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ހިމެނެ އެވެ.

ސީއައިއޭގެ އިތުރުން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ކޮރެއާ ސްޓަޑީޒްގެ އިސް މެންބަރެއް ކަމަށްވާ ޓެރީ ވަނީ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ވެސް މަސައްކަތްކޮށްފަ އެވެ.

ޓެރީ 2001 ވަނަ އަހަރުން ފެށިގެން 2011 އާ ހަމައަށް އެމެރިކާ ސަރުކާރުގައި ވަޒީފާ އަދާކުރި އެވެ. އޭނާއާ ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާތަކުން ގުޅުން ބަދަހިކޮށްފާނެ ކަމަށް 2014 ވަނަ އަހަރު އެފްބީއައިގެ އެޖެންޓުން އިންޒާރު ދިން ނަމަވެސް ދިހަ އަހަރު ވަންދެން އޮތީ އެކަމާ ފިޔަވަޅެއް ނާޅަ އެވެ.

ޓެރީގެ ގާނޫނީ ވަކީލް ވަނީ މި ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ