Roadha Mihaaru
އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކޮށްފި

އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކުށްފި

19 ސެޕްޓެމްބަރ 2023

ދޯހާ (ސެޕްޓެމްބަރު 19) - އީރާނާއި އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އަނެއް ގައުމުގެ ކުށްވެރިންގެ ތެރެއިން ފަސް މީހަކު މިނިވަންކުރުމަށް ދެ ގައުމުން އެއްބަސްވެ، ގައިދީން ބަދަލުކޮށްފި އެވެ.

ދޯހާ (ސެޕްޓެމްބަރު 19) - އީރާނާއި އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އަނެއް ގައުމުގެ ކުށްވެރިންގެ ތެރެއިން ފަސް މީހަކު މިނިވަންކުރުމަށް ދެ ގައުމުން އެއްބަސްވެ، ގައިދީން ބަދަލުކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން މިނިވަންކުރުމަށް ހަމަޖެހިފައިވާ އެމެރިކާގެ ފަސް މީހުންގެ ތެރެއިން ތިން މީހަކީ އެމެރިކާގެ ރައްޔިތުކަން ހޯދާފައިވާ އީރާންގެ ކުރީގެ ރައްޔިތުންނެވެ. މި އެއްބަސްވުމުގެ ދަށުން މިނިވަންކުރާ އެމެރިކާގެ އަނެއް ދެ މީހުންނަކީ ކޮން ބައެއްކަން އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެމެރިކާ އާއި އީރާނުން އެއްބަސްވި ގޮތަށް، އެމެރިކާ އިން މިނިވަންކުރާ އީރާންގެ ފަސް މީހުން، ގަތަރުގެ މަތިންދާބޯޓެއްގައި އެމެރިކާ އިން ގެންދާނީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. އަދި އީރާނުން މިނިވަންކުރާ އެމެރިކާގެ ފަސް މީހުން ވެސް ގަތަރުގެ ބޯޓެއްގައި ތެހެރާނުން ގެންދާނީ ދޯހާއަށެވެ.

ދެ ގައުމުން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވީ ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށް އެތައް މަސްތަކެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ. އީރާނުގައި ހައްޔަރު ކޮށްފައި ތިބި އެމެރިކާގެ ފަސް މީހުން މިނިވަންކުރުމަށް އީރާނުން ކަނޑައެޅި ޝަރުތަކީ، އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އީރާންގެ ފަސް މީހުން މިނިވަންކުރުމާއި، ދެކުނު ކޮރެއާގައި ހިފަހައްޓާފައި ހުރި އީރާންގެ ފައިސާގެ ތެރެއިން ހަ ބިލިއަން ޑޮލަރު އަނބުރާ އީރާނަށް ދިނުމެވެ.

މި އެއްބަސްވުމުގެ ދަށުން ދެކުނު ކޮރެއާ އިން ދޫކޮށްލި އީރާންގެ ފައިސާތައް، ގަތަރުގެ ބޭންކެއްގައި ހުރި އީރާން ސަރުކާރުގެ އެކައުންޓަކަށް މިއަދު ޓްރާންސްފާކުރިކަން ގަތަރު ސަރުކާރުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަން ޔަގީންވުމާ އެކު އީރާނުން ވަނީ، އެމެރިކާގެ ފަސް މީހުން ޖަލުން ނެރެގެން ގެންގޮސް ގަތަރުގެ މަތިންދާބޯޓަށް އަރުވައިފަ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި މިއަދު އީރާނަށް ދޫކުރި ފައިސާތައް ރައްކާކޮށްފައި ބަހައްޓާނީ އެކަމަށް ޚާއްސަ އެކައުންޓެއްގަ އެވެ. އަދި އެ ފައިސާ ބޭނުންކުރެވޭނީ ބޭހާއި ކާބޯތަކެތި ފަދަ އިންސާނީ އެހީތެރިކަމުގެ ސާމާނު ގަތުމަށް އެކަނި ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

ނަމަވެސް އެމެރިކާގެ އެންބީސީ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވީ އެ ފައިސާއަކީ އީރާނާއި އީރާން ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ފައިސާ ހޭދަކުރާނެ ގޮތް ކަނޑައަޅާނީ އީރާނުން ކަމަށެވެ.

އީރާނުން މިއަދު ބުނި ގޮތުގައި އެމެރިކާ އިން މިނިވަންކުރާ އީރާންގެ ފަސް ގައިދީންގެ ތެރެއިން، އީރާނަށް އެނބުރި އަންނާނީ ދެ މީހެކެވެ. އަނެއް ތިން މީހުންގެ ތެރެއިން އެކަކު ދަތުރުކުރާނީ، އޭނާގެ ތިމާގެ މީހުން ދިރިއުޅޭ އެހެން ގައުމަކަށެވެ. އަދި އަނެއް ދެ މީހުން ތިބޭނީ އެ ދެ މީހުންގެ އާއިލާއާ އެކުގައި އެމެރިކާގައި ކަމަށް ވެސް އީރާނުން ބުންޏެވެ.