Roadha Mihaaru
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށިވެއްޖެ: އެމްޑީޕީ

އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް މަޖިލީހުގައި ތާށިވެއްޖެ: އެމްޑީޕީ

09 ޖުލައި 2024

އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހެޅި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ލަސްކުރާތީ އެމްޑީޕީގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހެޅި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ލަސްކުރާތީ އެމްޑީޕީގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، އެހެން މަޖިލިސްތަކާ ހިލާފަށް 20 ވަނަ މަޖިލީހުގައި މިހާތަނަށް މަސައްކަތްތައް ވަރަށް އަވަހަށް ނިންމަމުންދާ ކަމަށާއި ނަމަވެސް، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އޮތީ ތާށިވެފައި ކަމަށެވެ.

"މިއަދު ހުށަހެޅި ބިލެއް މިއަދުން މިއަދަށް ފާސްކޮށް މިއަދު ކޮމިޓީއަށް ވެސް ފޮނުވާލެވިއްޖެ. މި މަޖިލީހުގައި ތާށިވެގެން އުޅެނީ އެންމެ ބިލެއް. އެއީ އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހު. އެ އިސްލާހު އަދިވެސް އެ އޮތް ކޮމިޓީގައި އެބަ އޮތް، އެންމެ ބައްދަލުވުމެއް ވެސް ނުބޭއްވޭ،" ޒިޔާދު ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ސަމޯއާ އެއްބަސްވުމުގައި ސޮއި ކުރަން ވެގެން އެއް ގަޑިއިރު ތެރޭގައި ދެ ބައްދަލުވުމަށް ގޮވާލި ކޮމިޓީއިން. ދެ ކޮމިޓީ ބާއްވާފައި އެ ދުވަހުން އެ ދުވަހަށް އެ ނިންމާލި."

ޒިޔާދު ވިދާޅުވީ އެ އިސްލާހުގެ ބިލާ މެދު ކޮމިޓީގައި ބަހުސްކޮށް ކޮންމެ ވެސް އެއްގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި އެ ބިލް ހުށަހެޅުމުން ސަރުކާރަށް ނިސްބަތްވާ މެންބަރުން ބަހުސް ނުކުރެއްވީ ވެސް ބިލް އަވަސް ކުރަން ކަމަށް ވިދާޅުވެ ކަން ޒިޔާދު ފާހަގަކުރެއްވި އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް، އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވެ އެވެ. އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން އެކަން ކުރެވޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެކަމަށް ގޮވާލައި ނިމިދިޔަ މަޖިލީހުން އޮތީ ގަރާރެއް ފާސްކޮށް، ރައީސް އޮފީހަށް ފޮނުވައިފަ އެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ އިދިކޮޅު އެމްޑީޕީން ވިޔަސް، އެ ބިލަށް ތާއީދު ކުރާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ސަރުކާރުން އާ ބިލެއް ހުށަހެޅުމުގެ ބަދަލުގައި ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތައް ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމުން ރާއްޖެއަށް ކުރާނެ އަސަރުގެ ރަނގަޅު އެސެސްމެންޓެއް މަޖިލީހުގެ ކޮމިޓީން ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ވެސް ރާއްޖެއަށް ބުކިން ހަދައި، ފައިސާ ދައްކާފައި ތިބި މީހުން އުޅޭނެ ކަމަށާއި އެ ބުކިންތައް ކެންސަލް ކުރުމަށް ރިސޯޓްތަކުން ވެސް ކަންބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.