Roadha Mihaaru
އިޒްރޭލުޕާސްޕޯޓް މަނާކުރާ އެމްޑީޕީގެ ބިލާ ގާސިމް ދެކޮޅު

އިޒްރޭލު ޕާސްޕޯޓް މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލާ ގާސިމް ދެކޮޅު

10 ޖޫން 2024

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ.

މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުންނާއި ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ ކުރި އިހުތިޖާޖުގެ ބައިވެރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިޒްރޭލުގެ ޑުއަލް ސިޓިޒެންޝިޕް އޮތް ނަމަވެސް ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން ބިލުގައިވާ މާއްދާއާ ދެކޮޅު ހައްދަވައި ގާސިމް ވިދާޅުވީ، ބިލުގައި އެކަން ހިމަނާފައިވާ ދިރާސާކުރަން ޖެހޭ މިންވަރަށް ދިރާސާނުކޮށް ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތުގައި އުފެއްދުމަށްޓަކައި އެކުލަވާފައިވާ މައްސަލައެއް ކަމުގައި [ދެކެން]،" ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ފުރަތަމަ މުސްލިމު ގައުމު ކަމަށް ވާއިރު އެއީ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކާއި ނިކަމެތިކަން ހިތަށް ނުގެންނާތީ ނޫން ކަމަށާއި މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

"މިއަދުގެ ސަރުކާރުން މިކަމާ މެދު ގެންގުޅޭ ވިސްނުންފުޅަށް އެއްޗެއް ދަންނަވާކަށް ނެތިން. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައި ތިބި ބަޔަކީ މި މަޖިލީހުގެ މެންބަރުން. މި މަޖިލީހުން ނިންމުން ވާން ވާނީ ދިވެހިރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ސަލާމަތް ކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަމަކަށް ވާން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދިވެހިން ސަލާމަތުން ނެތް ނަމަ އެއްވެސް ކަމެއް ނެތް ކަމަށާއި މި ނިންމުން ނިންމަން ޖެހޭނީ ކެތްތެރިކަމާއެކު ޖަޒުބާތުގައި ނުޖެހި ކަމަށެވެ.

ބިލު ހުށަހެޅި ނިޔަތާމެދު ގާސިމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ބިލު ހުށަހެޅުއްވި މެންބަރު މީކާއިލް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ވެސް މި މަސައްކަތް ކުރެވިގެން ދިޔައިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަރާރެއް ވެސް ފާސްކޮށްފައިވާނެ ކަމަށެވެ.

މަޖިލީހަށް ބިލު ހުށަހަޅާފައިވާއިރު، ސަރުކާރުން ވެސް ވަނީ މި އިސްލާހު ގާނޫނަށް ގެނައުމަށް ނިންމައިފަ އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު އިޒްރޭލުން އައިސްފައި ވަނީ ގާތްގަނޑަކަށް 11،000 ޓޫރިސްޓުންނެވެ. އެކަމަކު، އެއީ އޭގެ ކުރީ އަހަރަށް ވުރެ 30 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިޒްރޭލުން އައީ 528 ޓޫރިސްޓުންނެވެ.