Roadha Mihaaru
ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓްރިކަވަރީ ބިލެއް

ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ބިލެއް ހުށަހަޅަނީ

07 ޖުލައި 2024

ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޕީއެންސީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ގާނޫނުތައް ހުރިގޮތުން، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަކީ އެމަނިކުފާނުގެ ވައުދުފުޅަކަށް ވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް ގާނޫނެއް ފާސް ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަނެއްކާވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުވަނީ. ދައުލަތުގެ ހަޒާނާއަށް އަނބުރާ ނުގެނެސްދެވޭ އެ ގެއްލުނު ފައިސާއެއް. ވައްކަންކުރި ފައިސާއެއް. އެކަން ނިމުމަކަށް ގެނެސްދޭނަން. މިގޮތުން އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އިރާދަކުރެއްވިއްޔާ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައި މި ވަނީ. އެސެޓް ރިކަވަރީގެ ގާނޫނެއް ފާސްކުރަން މަޖިލީހަށް ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ."

ރައީސް ވިދާޅުވި ގޮތުގައި އަލަށް ތައާރަފްކުރާ ގާނޫނުގެ ދަށުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދައި އެފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދާނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ކަޅު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް އެ ގާނޫނު ފަރުމާ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން، ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ.” ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ މިރޭ ޖަލްސާގައި ބައެއް މީހުން ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޕީއެންސީގެ މިރޭ ޖަލްސާގައި ބައެއް މީހުން ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި، ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުތަކުން ކޮމިޝަންތައް ހަދައިގެން ހަރަދުތައް ކޮށްގެން އެ ފައިސާ އަނބުރާ ހޯދިފައި ނުވިޔަސް، އާ ގާނޫނާ އެކު އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ޖެހޭނީ އިންސާފުވެރިކަމާ އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.