Roadha Mihaaru
ޔާމީނާ މެދުގައި ހިތްނިޔަތް ސާފު: ރައީސް

ޔާމީނާ މެދުގައި ހިތްނިޔަތް ސާފު، މިނިވަންކުރަން ކުރެވުނު ހުރިހާ ކަމެއް ކުރިން: ރައީސް

30 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދުގައި ހިތްނިޔަތް ސާފު ކަމަށާއި އެ މަނިކުފާނު މިނިވަންކުރުމަށް ކުރެއްވުނު ހުރިހާ ކަމެއް ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދުގައި ހިތްނިޔަތް ސާފު ކަމަށާއި އެ މަނިކުފާނު މިނިވަންކުރުމަށް ކުރެއްވުނު ހުރިހާ ކަމެއް ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ސަންގު ޓީވީއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ޔާމީންގެ ޖަގަހަ ޖަލްސާތަކުގައި މި ފަހުން އެ މަނިކުފާނަށް ކުރައްވާފައިވާ ބައެއް ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ހުރިހާ ތުހުމަތެއް ރައީސް މުއިއްޒު ދޮގުކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޔާމީނަށް އެކި މައްސަލަތަކުގައި ދައުވާކުރި އިރުގައި، ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުންނެވި އެއްބޭފުޅަކީ އެ މަނިކުފާނެވެ. ޔާމީން ޖަލުން މިނިވަންކުރުން ފިޔަވައި އިތުރު އެއްވެސް ވިސްނުމެއް ވެސް އޭރު ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ޔާމީނަށް ފުރަތަމަ އިއްވި ޖަލު ހުކުމުން މިނިވަންވި ދުވަހަކީ ވެސް ވަރަށް ބޮޑު އުފަލެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ދުވަހެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރީ އެ މަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ، އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯނުގައި ހަމަގައިމު ވެސް ޑިލީޓް ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް،" ރައީސް ވިދާޅުވި އެވެ.

"ރޯދަމަހަށް [ޔާމީން] ގެއަށް ގެނެސްދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ، އޯލެވެލް އަށް އެޓްލީސްޓް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން. އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން."

ޕީއެންސީން ކުރިން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީއެންސީ

ޕީއެންސީން ކުރިން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީއެންސީ

ޔާމީން މިނިވަންކުރުމަށް އޭރު ޕީޕީއެމްގެ އޮފީހުގައި ކުރި ހުރިހާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ކަންކަން އިންތިޒާމުކޮށް އަދި ފައިސާގެ އެހީތެރިކަން ވެސް އަމިއްލަފުޅު އިސްނެންގެވުމަށް ހަމަޖައްސައިދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޔާމީން މިނިވަންކުރަން ގޮވާލެއްވުމަށް ކަމަށެވެ. އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ބަންދުވަންދެން، އެންމެ ފަހު ދުވަހު ވެސް ޔާމީން މިނިވަން ވެއްޖެ ނަމަ، އެ ޓިކެޓް އަނބުރާ ޔާމީނަށް ރައްދު ކުރައްވަން އެ މަނިކުފާނު ތައްޔާރަށް ހުންނެވިކަން އޭރު ޕީޕީއެމްގެ ސެނެޓުގައި ތިއްބެވި ބޭފުޅުން ހެކިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން އެ ފުރުސަތު ބަންދުކުރުމުން ގައުމުގެ ހައްގުގައި އަދި ޔާމީން މިނިވަންކުރުމަށް ޕީޕީއެމަށް ވެރިކަން ހޯދަން ޖެހޭނެ ކަމަށް ޕާޓީގެ ލީޑަޝިޕަށް ފެންނާތީ، އެ އިންތިހާބުގައި ވާދަކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، ޔާމީން ޖަލުން ގެއަށް ބަދަލުކުރި ދުވަހު ވެސް ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ޔާމީނާ ބައްދަލުވާނެ ފުރުސަތު ވެސް، ސަރުކާރަށް ދަންނަވައިގެން ފަހިކޮށްދެއްވީ ހުދު އެ މަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި މަސައްކަތްޕުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރޯދަމަހަށް [ޔާމީން] ގެއަށް ގެނެސްދިނުމަށް، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ، އޯލެވެލް އަށް އެޓްލީސްޓް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ތަކުރާރުކޮށް މެސެޖުކޮށް ހެދިން. އަދި ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިން."--- ރައީސް މުއިއްޒު

"ގައިމުވެސް އަޅުގަނޑުގެ ހިތްނިޔަތް ސާފު، އަމަލީ ގޮތުން. ބަހާއި އަމަލާއި ނިޔަތާ ހުރިހާ އެއްޗެއް އޮތީ އެމަނިކުފާނު [ޔާމީން] މިނިވަންކުރުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި އޭރުގެ އިންތިހާބީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި އޭރުގެ އިންތިހާބީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ފަހުން ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ޔާމީން ތުހުމަތުކުރައްވާފައިވާ ގޮތުގައި، އެ މަނިކުފާނަށް ޖާސޫސް ކުރެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ރައީސް މުއިއްޒަށް ފައިސާތަކެއް ލިބިވަޑައިގެންނެވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވެސް ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ދުވަހަކު ވެސް މީހަކަށް ޖާސޫސް ނުކުރައްވާ ކަމަށެވެ. އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އަދީބު ވެސް އަދި އެހެން މީހެއްގެ ފަރާތުން ވެސް ފައިސާ ލިބިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އަދީބާ ބައްދަލުކުރެއްވި ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.

ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، އަދީބަކީ އެއްވެސް އިރެއްގައި އެ މަނިކުފާނާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް ނޫނެވެ. އަދި ދުވަހަކު ވެސް އަދީބާ ވަކިން ބައްދަލުކުރައްވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ. ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި ހާދިސާއަށް ފަހު އަދީބާ އަދި ދުވަހަކު ވެސް ދިމާނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން އެ ކަހަލަ ދޮގު މައުލޫމާތު ޔާމީނަށް ދެއްވަނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ހައިރާންވޭ އެމަނިކުފާނު [ޔާމީން] އެފަދަ ވާހަކަތައް ގަބޫލުކުރައްވާތީ،" ރައީސް ވިދާޅުވި އެވެ.

ޔާމީނަށް ޖާސޫސް ކުރުމުގެ ބޭނުމުގައި އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އަޑުފެތުރީ ސިފައިންގޭގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި އެސްޕީޖީގެ ވެސް ކޮމާންޑަރަކަށް އެ ދުވަސްވަރު ހުންނެވި އަހުމަދު ފަޔާޒު (ޕާޕާ) އެވެ.

ޔާމީންގެ ޕީއެންއެފުން ދާދި ފަހުން ބޭއްވި އެ ބައްދަލުވުމުގައި ފަޔާޒު ހުށަހެޅި ޕްރެޒެންޓޭޝަންގައި ރައީސް މުއިއްޒާއި އަދީބާ ގުޅުވައިގެން ކުރި ތުހުމަތު ރައީސް މުއިއްޒު ކުރިން ވެސް ދޮގުކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ކަމަށް ބުނެ، މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން ނެރުނު ލިސްޓުގައި ވެސް އެ މަނިކުފާނުގެ ނަންފުޅު ނެތް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ބާރު އޮތް ދުވަސްވަރު ނެރުނު ލިސްޓެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެކި ގޮތްގޮތަށް ބަދަލުކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ އެއަކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕީއެންއެފްގެ ބައްދަލުވުމުގައި ދެއްކި ރިޕޯޓު ފުލުހުން މެދުވެރިކޮށް ބެއްލެވި ކަމަށާއި އެއީ "ފޭކް ފޯޖު" އެއްޗެއް ކަމަށެވެ.

ރައީސް މުއިއްޒާއި އަދީބާ ގުޅުވައިގެން ވާހަކަތައް ފެތުރި ފަޔާޒުގެ ވަނީ "ފިނިފެންމާ" ލޯންޗުގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި މައްސަލާގައި ހެކި ނައްތާލަން އުޅުނުކަން ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކޮށްފަ އެވެ.

ކުރިން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަޔާޒު ޖަލަށް ލާން ހުކުމް ކުރީ ޖޫން 2016 ގަ އެވެ. އޭނާ އަށް ދައުވާކުރީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ހިނގުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ލޯންޗަށް އަރަން ދިޔަ ފުލުހުންނަށް ފަޔާޒުގެ އަމުރަށް ސިފައިން ހުރަސް އެޅި ކަމަށް ބުނެ އެވެ.