Roadha Mihaaru
ދެ މާރުކޭޓު ހުޅުވައި އަނެއްކާވެސް ބިދޭސީންގެ ރަސްކަން!

ބަންދުކުރަން ޖެހުނު ދެ މާރުކޭޓު ހުޅުވައި އަނެއްކާވެސް ބިދޭސީންގެ ބާރު!

07 ޖުލައި 2024

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މިހާރު ފަށާފައިވާ ހާއްސަ ރެއިޑް އޮޕަރޭޝަންގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ދެ މާރުކޭޓަކުން ހުރިހާ ބިދޭސީން ގެންދިއުމުން އެ ދެ ތަން ބަންދު ކުރަން ޖެހުނަސް އެހެން ބިދޭސީންތަކެއް ނުކުމެ އަނެއްކާ ވެސް އެ މާރުކޭޓުތަކުގެ ގޮޅިތައް ހިންގަން ފަށައިފި އެވެ.

މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހުންނަ މާރުކޭޓާއި އަމީނީ މަގުން ޓީވީއެމް ކައިރީގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބި ގާތްގަނޑަކަށް ހުރިހާ ބިދޭސީން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ދެ ތަނުގެ ގޮޅިތައް ހުއްޓުނެވެ. އެހެންވެ، ދެ މާރުކޭޓުގެ ބޭރުގައި ބަންދު ބޯޑު އަޅުވައި އެ ރޭ އަށެއް ޖަހާކަންހާއިރު ބަންދު ކުރި އެވެ.

އޭގެ ފަހުން 2-3 ދުވަސް ވަންދެން ދެ މާރުކޭޓު ހުރީ ބަންދުކޮށްފަ އެވެ. އެކަމަކު، މިހާރު އެ ދެ ތަން ވެސް ހުޅުވައި ރަސްކަން ކުރަމުން ދަނީ ކުރިއެކޭ އެއްގޮތަށް ބިދޭސީންނެވެ. ފައިސާ ބަލައިގަތުމާއި ގޮޅިތައް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް ތިބީ ބިދޭސީ މީހުންނެވެ. އެކަމަކު، ފެންނަ ފެނުމުން އެއީ އަނެއްކާ ވެސް ގޮޅިތައް ހިންގަން އަލަށް ނުކުތް ބައެކެވެ.

ދެ މާރުކޭޓުގައި ވެސް ކުރިން ހިންގަމުން އައި ބައެއް ގޮޅިތައް ބަންދުކޮށްފައި ހުއްޓަސް ގިނަ ގޮޅިތައް މިހާރު ހިންގަ އެވެ. އެ އިން ގޮޅިއެއްގައި ދިވެއްސަކު ފެންނާކަށް ނެތެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ބައެއް ގޮޅިތައް ބަންދު ކޮށްފައި: އެކަމަކު މި މާރުކޭޓުގެ ގިނަ ގޮޅިތައް އަލުން ހުޅުވައި ހިންގަން ތިބީ ބިދޭސީން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ބައެއް ގޮޅިތައް ބަންދު ކޮށްފައި: އެކަމަކު މި މާރުކޭޓުގެ ގިނަ ގޮޅިތައް އަލުން ހުޅުވައި ހިންގަން ތިބީ ބިދޭސީން.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އިހަށް ދުވަހު ރެއިޑް ކުރީނު. އެހެންވެ އެ ގޮޅިތައް އަދި ބަންދުކޮށްފައި ހުންނަނީ،" ބައެއް ގޮޅިތައް ބަންދު ކޮށްފައި ހުރީ ކީއްވެތޯ އެހުމުން އެހެން ގޮޅިއެއް ހިންގަން ހުރި ބަންގްލަދޭޝްގެ މީހަކު ބުންޏެވެ.

"މީހުން ނެތީ ނު. އެހެންވެ، ބަންދު ހުންނަނީ."

މާރުކޭޓުތަކުގެ ގޮޅިތައް ހިންގުމުގައި ބިދޭސީން ތިބުމަކީ މަނާކަމެވެ. އަދި ހާއްސަކޮށް ފައިސާ ބަލައި ގަންނަން ނުވަތަ ބިދޭސީ ސޭޓުން ތިބުމަކީ ވެސް މަނާކަމެކެވެ.

މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ބިދޭސީން ހިންގާ ލޯކަލް މާރުކޭޓް.---ފޮޓޯ: ނިޝާން އަލީ| މިހާރު

މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ބިދޭސީން ހިންގާ ލޯކަލް މާރުކޭޓް.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިދިޔަ ހަފުތާގައި އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި، ސަރުކާރުން ހިންގާ ލޯކަލް މާރުކޭޓު ވެސް ބަލައި އެ ތަންތަނުގައި ތިބި ބިދޭސީން ގެންދިޔަ އެވެ. އެ ދުވަހު 50 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ ދުވަހުގެ އޮޕަރޭޝަނަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެ އިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ،" ޝަމްއާން ވިދާޅުވި އެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ބައެއް ގޮޅިއެއްގައި މިއަދު ހެނދުނު ބިދޭސީއަކު ހަރަކާތްތެރިވަނީ---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ބައެއް ގޮޅިއެއްގައި މިއަދު ހެނދުނު ބިދޭސީއަކު ހަރަކާތްތެރިވަނީ---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމަކު، އެ އަޮޕަރޭޝަންގައި އަތުލައިގަތް 50 ބިދޭސީންގެ ތެރެއިން މިހާތަނަށް ބަޔަކު ދޫކޮށްލި ކަމެއް އަދި ޑީޕޯޓް ކޮށްލި ކަމެއް ނޭނގެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ފަށައި، މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ހުޅުމާލެ 1 ގައި ޓޭކްއަވޭ ކޮޕީ ޝޮޕް ވިޔަފާރިކުރާ ބައެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ ދެ މީހަކު ވެސް މިދިޔަ ހަފުތާގައި އިމިގްރޭޝަނުން އަތުލައިގަތެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި މާރުކޭޓުގެ ގޮޅިއަކުން ބިދޭސީން ގެންދަނީ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި މާރުކޭޓުގެ ގޮޅިއަކުން ބިދޭސީން ގެންދަނީ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ރޭ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހިން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުން ކަމަށެވެ. އެ ފަދަ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް،" ޝަމްއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ފަށާފައިވާ ރެއިޑް އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަަށް ގެންދާނެ އެވެ.