Roadha Mihaaru
އަތުލައިގަންނަ ބިދޭސީންނަށް ލީގަލައިޒްވާން ފުރުސަތެއްނެތް

އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ލީގަލައިޒް ވުމަށް ފުރުސަތު ނުދޭނަން: އިމިގްރޭޝަން

17 ޖުލައި 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން އިސްނަގައިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ލީގަލައިޒްވުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން އިސްނަގައިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން ލީގަލައިޒްވުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ރެޖިސްޓްރީ އެއް ހެދުމަށް ކުރިއަށް ގެންދާ "ކުރަނގި" ޕްރޮގްރާމްގެ ތެރެއިން ގަވައިދުގެ ތެރެއަށް ބިދޭސީން ފެތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް، އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ ރެއިޑުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެ ފުރުސަތެއް ނޯންނާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.

"މީގައި އެންމެ ބުއްދިވެރި ގޮތަކީ އަވަހަށް ލީގަލައިޒްވުން. އެކަމަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އައުމަށް ފަހު ދެން އެ ފުރުސަތެއް ނެތޭ. އެ ފަރާތްތަކުން ފޮނުވާލާނީ ހަމަ ޑީޕޯޓު ކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަންނަން ހިންގި ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަން އޮފިސަރަކު، ބިދޭސީއަކު ހިންގާ ހަޓެއް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަންނަން ހިންގި ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަން އޮފިސަރަކު، ބިދޭސީއަކު ހިންގާ ހަޓެއް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 2013 ބިދޭސީއަކު ވޭތުވެދިޔަ ހަތް މަސް ތެރޭގައި ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ، ގާނޫނުން މަނާކޮށްފައި ވަނިކޮށް ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީން ހުއްޓުވައި އެތަންތަން ބަންދު ކުރަމުންނެވެ. އެގޮތުން، މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 120 މީހަކު ވަނީ އަތުލައިގެންފަ އެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ވެސް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަނެފަ އެވެ. އަދި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ.