Roadha Mihaaru
ކުނި އުކުމުގެ ފީ ނުދައްކާތީ އެފްއޭއެމްއަށް ހުކުމެއް

ކުނި އުކުމުގެ ފީ ވެމްކޯއަށް ނުދައްކާތީ އެފްއޭއެމްގެ މައްޗަށް ހުކުމެއް

06 ޖުލައި 2024

ކުނި ނަގައި ދިނުމުގެ ފީ ނުދައްކާތީ ވެމްކޯއަށް 39،000ރ. ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުނި ނަގައި ދިނުމުގެ ފީ ނުދައްކާތީ ވެމްކޯއަށް 39،000ރ. ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ވެމްކޯއިން ސިވިލް ކޯޓުގައި އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމުން އެ ހިދުމަތަށްވާ ފައިސާ އެފްއޭއެމްއިން ދައްކާފައި ނުވާތީ އެވެ.

އެފްއޭއެމްއިން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީ ނުވުމުން އެފްއޭއެމްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކުރީ ރަސްމީ ތިން ދުވަހުގެ ތެރޭގައި، ފައިސާ ދައްކައި ނިންމުމަށެވެ. އެއީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

މިއީ، މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ މައްޗަށް މިދިޔަ ހަފްތާ ސިވިލް ކޯޓުން ކުރި ތިންވަނަ ހުކުމެވެ. މި ތިން ހުކުމް ވެސް ކޮށްފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގަ އެވެ.

އެންމެ ފުރަތަމަ އާދިއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ހުކުމްކުރީ އަމިއްލަ ކުންފުންޏެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި 30 ދުވަހުގެ ތެރޭގައި 776،000ރ. ދައްކާށެވެ.

އަދި ޑޮލަރުން އަނބުރާ ދައްކާ ގޮތަށް އަމިއްލަ ފަރުދެއްގެ އަތުން މިދިޔަ އަހަރު ނެގި 308،400ރ. ނުދެއްކުމުން، އެއަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދައްކަން މިދިޔަ އަންގާރަ ދުވަހު އެފްއޭއެމްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެފްއޭއެމަށް އެންމެ ފަހުން އިންތިހާބު ކުރި އެކްސްކޯގެ ދައުރު މިދިޔަ އަންގާރަ ދުވަހު ހަމަވެ، އިންތިހާބު ބޭއްވިފައި ނުވާތީ، ފީފާއިން ވަނީ އިދާރީ މުއާމަލާތްތައް ކުރެވޭ ގޮތަށް، އެފްއޭއެމްގެ ހިންގުން އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާ ހަވާލުކޮށްފަ އެވެ.

އެފްއޭއެމްގެ ފައިސާއާ ގުޅޭ ގިނަ މައްސަލަތަކެއްގައި އެ އެސޯސިއޭޝަނާ ދެކޮޅަށް ގިނަ ހުކުމްތަކެއް ކޮށްފައި ވާއިރު، އެސޯސިއޭޝަންގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ މަހު ފީފާއިން ވަނީ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލް ނުވަ މަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު އޮތީ ދައުވާ ވެސް ކޮށްފަ އެވެ.