Roadha Mihaaru
ބީހައިވަށް އެފްއޭއެމްގެ ދަރަނި މަހަކު 11 ހާސް ޑޮލަރު

ބީހައިވަށް އެކަނި އެފްއޭއެމްގެ ދަރަނި މަހަކު 11،000 ޑޮލަރަށް ވުރެ މައްޗަށް

30 މާޗް 2024

ސިވިލް ކޯޓުން ކުރި އާ ހުކުމާ އެކު އެފްއޭއެމުން، ބީހައިވް ހޮޓެލްސް އަށް އެކަނި ދައްކަން ޖެހޭ ދަރަނި މަހަކު 11،000 ޑޮލަރަށް ވުރެ މަތިވެއްޖެ އެވެ.

ސިވިލް ކޯޓުން ކުރި އާ ހުކުމާ އެކު އެފްއޭއެމުން، ބީހައިވް ހޮޓެލްސް އަށް އެކަނި ދައްކަން ޖެހޭ ދަރަނި މަހަކު 11،000 ޑޮލަރަށް ވުރެ މަތިވެއްޖެ އެވެ.

ބުރާސްފަި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ބީހައިވުން ހޯދާފައިވާ ހިދުމަތަށް ޑޮލަރުން ދައްކަން ޖެހޭ ޖުމުލަ ފައިސާ އެއް އަހަރުތެރޭ މަހުން މަހަށް ދައްކައި ހަލާސް ކުރުމަށެވެ. އެއީ ޖުމުލަ 102،186.87 ޑޮލަރު

މި ހުކުމާ އެކު އެފްއޭއެމުން ކޮންމެ މަހަކު 8،500 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެ އެވެ. މިއީ ބީހައިވަށް ދަރަނި ދައްކަން އެފްއޭއެމްގެ މައްޗަށް ކުރި ދެވަނަ ހުކުމެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ވެސް ސިވިލް ކޯޓުން ވަނީ، ބީހައިވަށް ފައިސާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް ކޮށްފަ އެވެ. އެއީ އެ ކުންފުނިން ދަރަނީގެ ގޮތުގައި ނެގި 500،000ރ. އަށް ޑޮލަރުން ފައިސާ ދެއްކުމަށް އެފްއޭއެމުން އެއްބަސްވެ އެ ފައިސާ ނުދައްކާތީ ކުރި ހުކުމެކެވެ.

އެ މައްސަލާފައި އެފްއޭއެމުން ބީހައިވް އަށް ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަކީ 32،426 ޑޮލަރެވެ. އެ ފައިސާ ދައްކަން ވެސް ކޯޓުން ހުކުމް ކުރީ މަހުން މަހަށް ބަހާލައިގެން އެއް އަހަރުތެރޭ ދެއްކުމަށެވެ. އެ ދަރަނި މަހުން މަހަށް ބަހާލުމުން ކޮންމެ މަހަކު މަދުވެގެން 2،700 ޑޮލަރު ދައްކަން ޖެހެ އެވެ.

ބުރާސްފަތި ދުވަހު ކުރި ހުކުމްގެ ޝަރީއަތުގައި ބީހައިވުން ވަނީ، ފައިސާ ދައްކަން ޖެހޭ މުއްދަތުގައި އެފްއޭއެމުން ފައިސާ ދައްކާފައި ނުވުމުން، އެ ކުންފުނީގެ ވިޔަފާރި އަށް ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުން ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް އިތުރު ދެ ޕަސަންޓާ އެކު އެކީ އެއްފަހަރާ ފައިސާ ދެއްކަން ހުކުމްކޮށް ދިނުމަށް އެދިފަ އެވެ.

ނަމަވެސް އެފްއޭއެމުން އެކަމާ މެދު އިއުތިރާޒު ކުރި އެވެ. އެ އެސޯސިއޭޝަނުން ބުނީ ކޮންމެ ދުވަހަކަށް އިތުރުވާ ދެ ޕަސަންޓަކީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެ ދެ ޕަސަންޓް ބީހައިވުން ދައުވާގައި ހިމަނާފައި ނުވާ ކަމަށާއި އަދި އެ ދެ ޕަސަންޓަށް އެފްއޭއެމުން އެއްބަސްވެފައި ވެސް ނޯންނާނެ ކަމަށް އެ އެސޯސިއޭޝަނުން ކޯޓުގައި ބުންޏެވެ.

ދައްކަންޖެހޭ ދަރަނީގެ އަސްލު އަދަދަށް އެއްބަސްވެ، އެ އެސޯސިއޭޝަނުން އެދުނީ މަހުން މަހަށް ބަހާލައިގެން ދެއްކުމަށެވެ. ކޯޓުން ހުކުމް ކުރީ އެ ދުވަހުން ފެށިގެން އެއް އަހަރު ތެރޭ ކޮންމެ މަހަކު ވެސް ދައްކަން ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ، ކޮންމެ މަހެއްގެ ވެސް 10 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށެވެ.