Roadha Mihaaru
އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް

އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ހުކުމެއް، މިފަހަރު ތިން ލައްކަ ރުފިޔާގެ ދަރަންޏެއް

02 ޖުލައި 2024

މާލީގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް އަނެއްކާވެސް 300،000 އަށް ވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ފައިސާ ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާލީގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް އަނެއްކާވެސް 300،000 އަށް ވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ފައިސާ ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޑޮލަރުން އަނބުރާ ދައްކާ ގޮތަށް މީހެއްގެ އަތުން މިދިޔަ އަހަރު ނެގި 308،400ރ. ނުދެއްކުމުންނެވެ. އެއީ 20،000 ޑޮލަރަށް ވާ ދިވެހި ރުފިޔާ އެވެ.

ސިވިލް ކޯޓުގައި އެ މީހާ ދައުވާކުރީ އެ ފައިސާ ޑޮލަރުން އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްއިން ދޫކުރި ޗެކް ބައުންސްވުމުން ފައިސާ ހޯދުމުގެ އިތުރަށް ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަދި ޝަރީއަތުގެ ހަރަދު ހޯދުމަށް ވެސް އޭނާ ހުށަހެޅި އެވެ.

އެފްއޭއެމުން ކޯޓުގައި ޖަވާބުދާރީ ނުވުމުން އެފްއޭއެމްގެ ޣައިރު ހާޒިރުގައި މިއަދު ކުރި ހުކުމުގައިވަނީ 308،400ރ. އަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

މިއީ އެފްއޭއެމްގެ ޗެކް ބައުންސްވި މައްސަލައިގައި އެ އެސޯސިއޭޝަނާ ދެކޮޅަށް މި ހަފުތާގައި ކުރި ދެވަނަ ހުކުމެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ވަނީ ޗެކް ބައުންސްވި މައްސަލާގައި 776،000 ރުފިޔާ އެމްއެސް ފައިނޭންސަށް، 30 ދުވަހުގެ ތެރޭ ދިނުމަށް ހުކުމް ކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ވެސް އިތުރު 5،000ރ. ދިނުމަށް ވެސް ހުކުމް ކޮށްފައި ވެއެވެ.

އެފްއޭއެމްގެ ފައިސާއާ ގުޅޭ ގިނަ މައްސަލަތަކެއްގައި އެ އެސޯސިއޭޝަނާ ދެކޮޅަށް ވަނީ ގިނަ ހުކުމްތަކެއް ހުކުމްކޮށްފަ އެވެ.