Roadha Mihaaru
އެފްއޭއެމުން ދެލައްކަ ޑޮލަރު ދައްކަން 10 ދުވަސް ދީފި

އެފްއޭއެމުން އެލް އަށް 10 ދުވަސްތެރޭ ދެ ލައްކަ ޑޮލަރު ދައްކަން ހުކުމް ކޮށްފި

30 އޯގަސްޓް 2023

އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އެފްއޭއެމުން ނެގި ލޯނަކަށް ދައްކަންޖެހޭ ދެ ލައްކަ ޑޮލަރު 10 ދުވަސްތެރޭގައި ދައްކަން އެ އެސޯސިއޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެލް މޯބައިލްގެ މައި ކުންފުނި އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، އެފްއޭއެމުން ނެގި ލޯނަކަށް ދައްކަންޖެހޭ ދެ ލައްކަ ޑޮލަރު 10 ދުވަސްތެރޭގައި ދައްކަން އެ އެސޯސިއޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެލް މޯލްޑިވްސްއިން ކޯޓުގައި ދައުވާކުރީ އޮކްޓޯބަރު 2020 ގައި އެ ކުންފުނިން އެފްއޭއެމަށް ނެގި 3،084،000ރ. ގެ ބަދަލުގައި ޑޮލަރު ދޭން އެއްބަސްވެ އެގޮތަށް އަމަލު ނުކުރުމުންނެވެ.

އެފްއޭއެމުން ވަނީ އެއީ އެ އެސޯސިއޭޝަނުން އެލް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި އެއް އަހަރުތެރޭ އެ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތަކަށް ހަދައިދިނުމަށް ޝަރީއަތުގައި އެ އެސޯސިއޭޝަނުން އެދުނެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ޒުލައިހާ ޝީޒާ ހުކުމް ކުރެއްވީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން 200،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ހިނގި 5،000ރ. ކޯޓަށް ދެއްކުމަށެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއް އެފްއޭއެމުން ދައްކާފައެއް ވެސް ނުވެ އެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން ކޮށްފަ އެވެ.

އެލް މޯލްޑިވްސް އިން އެފްއޭއެމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ނެގި ދުވަސްވަރު ފީފާއިން ވަނީ އެ އެސޯސިއޭޝަނަށް ފަސް ލައްކަ އެމެރިކާ ޑޮލަރު ދީފަ އެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް ފީފާގެ މެންބަރު ކޮންމެ ގައުމަކަށް ދޭން ނިންމި ފައިސާ އެވެ.

ޖުލައި މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވާ ގޮތުގައި އޭރު ފީފާއިން ދިން ފަސް ލައްކަ ޑޮލަރު އެއްކޮށް ބޭނުން ކުރީ ކްލަބްތަކަށް ފައިސާ ދިނުމަށް ކަމަށެވެ.

މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފައިސާ ދެއްކުމުގެ ހުކުމްތަކެއް ކޮށްފަ އެވެ.