Roadha Mihaaru
ކައުންސިލްތަކުން ދުބާއީ، ތުރުކީއަށް ބޭކާރު ދަތުރުތައް!

ކައުންސިލްތަކުން ދުބާއީ އާއި ތުރުކީއަށް ބޭކާރު ދަތުރުތައް ކުރާތީ ނާޒިމްގެ ފާޑުވިދާޅުވުން!

01 ޖުލައި 2024

ކައުންސިލްތަކަށް ދީފައިވާ މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރު ގޮތަކަށް ނޫން ކަމަށާއި ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކައުންސިލްތަކަށް ދީފައިވާ މާލީ ބާރުވެރިކަމުގެ ބޭނުން ހިފަނީ ޒިންމާދާރު ގޮތަކަށް ނޫން ކަމަށާއި ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން، ނާޒިމް ވިދާޅުވީ ބޮލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ މާލީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ.

ގައުމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ އިރު ވެސް އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުތައް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ޖުލައި 24ގެ ބަންދަށް، ހއ. އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ވަނީ ރާވައިފަ އެވެ. އަދި މި އަހަރު ތެރޭގައި ގދ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް ތިން ދުވަހަށް ދުބާއީ އަށް ދަތުރު ކުރުމަށް 837،078ރ. ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގަިއ މި ދަތުރަށް ކައުންސިލަރުން ޑޮލަރު ގަތީ ކަޅު ބާޒާރުގައި 17.65 ރުފިޔާއަށެވެ.

"މިއީކީ ނޫން އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އަޅުގަނޑުމެން އެންމެން އެބަޖެހޭ ޒިންމާދާރު ވާން،" ދިއްގަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި ނާޒިމް ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު ހުރި ގޮތުން، ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅެއް އަޅަން ނިންމައިފަ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަަށް އެނބުރެން ޖެހެ އެވެ. އަދި ފިސްކަލް ގާނޫނަށް ބަދަލު ގެނެސްގެން އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.