25 އޯގަސްޓް 2024
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެކަމަށް ހާއްސަ ގާނޫނެއް ހަދަން "އާބަން ޑިވެލޮޕްމަންޓް ބިލް" ގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ފޮނުވައިފަ އެވެ. ނަމަވެސް، މި ބިލާ އެކު އެއްބަޔަކު ފާހަގަކުރި އެއް ކަމަކީ ލާމަރުކަޒީ ނިޒާމުގެ ހަމަތަކަށް ގުޑުން އަރައި، ކައުންސިލްތަކުގެ މަސައްކަތް ހަނިވެގެންދާ ކަމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެކަމަށް ހާއްސަ ގާނޫނެއް ހަދަން "އާބަން ޑިވެލޮޕްމަންޓް ބިލް" ގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ފޮނުވައިފަ އެވެ. ނަމަވެސް، މި ބިލާ އެކު އެއްބަޔަކު ފާހަގަކުރި އެއް ކަމަކީ ލާމަރުކަޒީ ނިޒާމުގެ ހަމަތަކަށް ގުޑުން އަރައި، ކައުންސިލްތަކުގެ މަސައްކަތް ހަނިވެގެންދާ ކަމެވެ.
މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ބިލާ މެދު ގިނަ ކައުންސިލްތަކާއި އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބިލާ މެދު ސަރުކާރުގެ ބައެއް ބޭފުޅުންގެ ވެސް ނުތަނަވަސްކަން ވެސް އެބައޮތެވެ. އެންމެންގެ ވެސް ކަންބޮޑުވުމަކީ މިހާރު ބިލް ފަރުމާކޮށްފައި އޮތް ގޮތުން ލާމަރުކަޒީ ގާނޫނާ ފުށުއެރުމެވެ.
"މި ބިލްގައި ލާމަރުކަޒު ނިޒާމާ ތައާރަޒުވާ ބައިވަރު ކަންކަން ފާހަގަކުރެވޭ. މި ބިލް ފާސްވެއްޖެ ނަމަ، ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ،" ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވި އެވެ.
ބިލް ދިރާސާކުރަން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގައި ބައެއް މެންބަރުން ވެސް ފާހަގަ ކުރެއްވީ އާބަން ޑިވެލޮޕްމަންޓް ބިލާ އެކު، ލާމަރުކަޒީ ނިޒާމުގައި ތަޅު އެޅުވޭނެ ކަމެވެ. ކައުންސިލްތަކަށް ފުޅާކޮށް ދީފައިވާ ބާރުތައް ގެއްލި، ލާމަރުކަޒީ ގާނޫނަކީ އެހެން ގާނޫނެއްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ އާދައިގެ ގާނޫނަކަށް ވާނެ ކަމުގެ ނުތަނަވަސްކަން މެންބަރުން ފާޅުކުރެއްވި އެވެ.
އާބަން ޑިވެލޮޕްމަންޓް ބިލާ އެކު، އާބަން އޮތޯރިޓީގެ ނަމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން އާ އޮތޯރިޓީއެއް އުފައްދާނެ އެވެ. މި އޮތޯރިޓީއަކީ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އުފައްދާ ތަނެކެވެ. މިސާލެއްގެ ގޮތުން މި ތަން ވެގެންދާނީ ހުޅުމާލެ ތަރައްގީ ކުރާ އެޗްޑީސީ ފަދަ މަސައްކަތްތައް ކުރާ ތަނަކަށެވެ. އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ހުޅުމާލެ ތަރައްގީ ކުރުމުގެ ކަންތައްތަކުގައި އަބަދުވެސް ދެބަސްވުން އޮވެ އެވެ. އެފަދަ ދެބަސްވުންތަކެއް ކުރިއަށް އޮތް ތަނުގައި އާބަން އޮތޯރިޓީ އާއި ކައުންސިލްތަކާ ދެމެދު އުފެދިދާނެ ކަމަށް ބައެއް ބޭފުޅުން ލަފާ ކުރައްވަ އެވެ.
ބިލްގައި އޮތް އެތައް މާއްދާއެއްގެ ތެރެއިން ކަންބޮޑުވުން އުފެދިފައިވަނީ 10 ވަނަ މާއްދާއާ މެދު އެވެ. އެ މާއްދާގައި އޮތީ:
- އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ވަކި ސަރަހައްދަކީ ލޯކަލް ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށްވީ ނަމަވެސް، އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އާބަން އޮތޯރިޓީން.
- އާބަން ސަރަހައްދެއްގައި ދޭންޖެހޭ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމާއި މުނިސިޕަލް ކަންކަން ކުރުމުގެ ބާރު އޮންނާނީ ކައުންސިލްތަކަށް.
- ޕްލޭންކޮށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ކައުންސިލާއި އޮތޯރިޓީއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން.
- ތަރައްގީގެ މަޝްރޫއުތައް ނިމުމާ އެކު އޮތޯރިޓީ އަށް ދީފައިވާ އިހްތިސާސް ނިމުމަކަށް އަންނާނެ.
ހައުސިން މިނިސްޓްރީ އަދި ލޯކަލް ގަވަރްމެންޓް މިނިސްޓްރީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި: ދެ މިނިސްޓްރީގެ ހިޔާލު ތަފާތު
މި މާއްދާގެ މަފުހޫމަކީ އާބަން ސަރަަހައްދެއްގެ ގޮތުގައި ވަކި ސިޓީއެއް، ނުވަތަ އަތޮޅެއް ނުވަތަ ރަށްތަކެއް ކަނޑައެޅިގެންދާ ހާލަތުގައި އެ ތަންތަނުގައި ހިމެނޭ ލޯކަލް ކައުންސިލްތަކުގެ ފުރިހަމަ ބާރު ކުޑަވުމެވެ. އެ ތަންތަނުގެ ބިންތަކުގެ ކޮންޓްރޯލް ވެސް ކައުންސިލްތަކަށް ގެއްލުމެވެ. އެއީ އާބަން ސަހައްދެއްގެ ބިންތަކުގައި ހިންގާނެ މަޝްރޫއުތަކާއި ތަރައްގީ ކުރާނެ ގޮތް ރާވާއި، ޕްލޭން ކުރާނީ އޮތޯރިޓީއިން ކަމަށް ވާތީ އެވެ.
ޕްލޭން ކުރުމަށް ފަހު، އެ ތަންތަން ތަރައްގީ ކުރަން ހަވާލު ކުރަން ހުއްދަ ދިނުން ވެސް އޮތޯރިޓީގެ އިހްތިސާސްގެ ތެރޭ ހިމަނާފައިވާއިރު، މި ކަންކަމުގައި ކައުންސިލްތަކުގެ ދައުރެއް ނެތެވެ.
ކައުންސިލްތައް ވާނީ ހަމައެކަނި މުނިސިޕަލް ހިދުމަތްތައް ދޭ ރަމްޒީ ތަނެއްގެ ގޮތުގަ އެވެ. ނަމަވެސް، މި މަފުހޫމް ލާމަރުކަޒު ކުރުމުގެ މަހުފޫމާ މުޅިން ހިލާފު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ދެކެވަޑައިގަންނަވަ އެވެ.
އެހެންވީމަ އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ މި ހިނދުން މި ހިނދަށް ދިވެހިރާއްޖެއަށް ވަރަށް މުހިންމު ބިލެއް، މާލެއަށް މީހުން ޖަމާވަމުން މި އަންނަ އައުން ހުއްޓިގެން ދާނެ އެއް ސަބަބު މިއީ. މަޖީދީމަގުގައި ފައި ޖައްސާއިގެން ތިބެގެން ސައިކަލް މި ދުއްވަނީ. ހުޅުމާލެ ވެސް އެ ދަރަޖައަށް އެ ދަނީ،"--- ހަމީދު
އޭނާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި ކަނޑައަޅާފައިވަނީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގަން ކަމަށާއި ތަރައްގީއާ ގުޅޭ އެހެން ގާނޫނުތައް ވެސް ހަދަން ޖެހޭނީ އެ ހަމަތަކުގެ މަތިން ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުން ހެޔޮގޮތުގައި ބަލައިގެންފައިވާ ނިޒާމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ލާމަރުކަޒު ކުރުމުގެ މަފުހޫމަކީ ގައުމީ ކަންކަމުގައި ރަށު ކަންކަމުގައި އަތޮޅު އަދި ސިޓީގެ ކަންކަމުގައި ރައްޔިތުން ބަސް ބުނުމުގެ ނިޒާމު އަށަގެންނެވުން. އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ބައެއް ކަންކަމުގައި ވެސް ރައްޔިތުންގެ ޝާމިލުވުން އިތުރަށް ފުޅާކުރަން ޖެހޭ،" ފަތުހީ ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށު އަދި ސިޓީ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރަށް ހިންގައި، ރަށް ތަރައްގީ ކުރުމާއި ރައްޔިތުންގެ ބައިވެރިވުމާ އެކު، ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލުން ހިމެނެ އެވެ. ބިމާ ބެހޭ ގާނޫނާ އެއްގޮތަށް ބިންތަކުގައި އިންވެސްޓްކުރުމަކީ ވެސް ކައުންސިލްތަކުގެ ޒިންމާއެކެވެ.
ނަމަވެސް، އާބަން ސަރަަހައްދެއްގެ ގޮތުގައި ކަނޑައެޅޭ ހިސާބުން ކައުންސިލްތަކަށް މި މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސަސްޕެންޑު ވާނެ އެވެ. ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް މިދިޔަ ފަސް އަހަރު ގެނައި އިދިކޮޅު އެމްޑީޕީގެ ކަންބޮޑުވުމަކީ ވެސް މިއީ އެވެ.
އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މި ބިލް ސިފަ ކުރެއްވީ އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން މާލީ ބާރުވެރިކަމާއި އިގްތިސާދީ ބާރުވެރިކަން އެއްކޮށް ސަރުކާރަށް ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާބަން އޮތޯރިޓީއާ އެކު މުޅި ލާމަރުކަޒީ ނިޒާމު 'މަރާލާނެ" އެވެ.
"ޑިމޮކްރަސީ ހިފަހައްޓާ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް. އެހެންވީމާ މިއަކީ ހަމައެކަނި ލާމަރުކަޒީ ނިޒާމަށް ދޭ ހަމަލާއެއް ނޫން، މިއީ މުޅި ޑިމޮކްރަސީއަށް ވެސް ދޭ ހަމަލާއެއް. މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު: އާބަން އޮތޯރިޓީގެ ބިލާ އެކު ލާމަރުކަޒީ ނިޒާމް މަރާލާނެ ކަމަށް ވިދާޅުވި
ނަމަވެސް، ހައުސިން އަދި ޕްލޭނިން މިނިސްޓްރީން މިކަން ގަބޫލެއް ނުކުރެ އެވެ. އެ މިނިސްޓްރީން ދެކޭ ގޮތުގައި އާބަން ޑިވެލޮޕްމެންޓްގެ ގާނޫނުން ލާމަރުކަޒީ ނިޒާމަށް ނޫނީ ކައުންސިލްތަކުގެ އިހްތިސާސަށް އެއްވެސް ބުރުލެއް ނާރާނެ އެވެ. އެހެން އެ މިނިސްޓްރީން ދެކޭ އެއް ސަބަބަކީ، އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނޫނީ އެ ސަރަހައްދެއްގައި ބައިވެރިވާން ނޫނީ ބައިވެރި ނުވާން ނިންމުމުގެ ބާރު ކައުންސިލްތަކަށް އޮތުމެވެ. އެއީ ކައުންސިލްތަކަށް އޮތް އިހުތިޔާރެއް ކަމާއި އެއްވެސް މަޖުބޫރު ކުރުވުމެއް ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީގެ އާބަން ޑިޕާޓްމެންޓްގެ ޑިރެކްޓަރު ފާތިމަތު ޝާހީން ވިދާޅުވީ، އާބަން އޮތޯރިޓީ އަށް ގާނޫނުން ދޭ ބާރަކީ ސަރަހައްދުތަކުގެ ތަރައްގީ ޕްލޭން ހެދުމާއި އެ ވިލަރެސް ކުރުން އެކަނި ކަމަށެވެ. އެ ތަންތަނުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ސަރުކާރުން ކަނޑައަޅާ ބައެއް ކަމަށާއި އެއީ ކައުންސިލްތަށް ކަމަށް ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އާބަން ސަރަހައްދަކީ އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލް ހިމެނޭ ސަރަހައްދަކަށް ވެއްޖެ ނަމަ، އެ ސަރަހައްދުގެ ކައުންސިލްތަކުން އެއްވެގެން ތަރައްގީ ކުރާ ފަރާތަކަށް ވެސް ވެދާނެ މި ގާނޫނުގައި ބަޔާންކުރާ ގޮތުން،" ޝާހީން ވިދާޅުވި އެވެ.
ޝާހީން ވިދާޅުވި ގޮތުގައި، އާބަން ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވަކި މުއްދަތުތަކެއް ކަނޑައަޅާނެ އެވެ. އެ މުއްދަތުތައް ނިމުމަށް ފަހު، އޮތޯރިޓީގެ ޒިންމާ ނިމި ކަައުންސިލްތަކުގެ ދަށަށް އެ ސަރަހައްދެއް ދާނެ އެވެ. ތަރައްގީގެ މާސްޓަޕްލޭން އޮތޯރިޓީ އިން ތައްޔާރު ކުރާނީ ކައުންސިލްތަކާ ގުޅިގެން، މަޝްވަރާ ކޮށްގެން އެކުލަވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.
"އެހެންވީމާ އޭގެ މާނައަކީ ކައުންސިލްތަކުގެ ބާރަކަށް ނުވަތަ އެ ފަރާތްތަކަށް ލިބިފައިވާ އިހްތިސާސްއަކަށް ބަދަލެއް ނާންނަކަން،" ޝާހީން ވިދާޅުވި އެވެ.
އާބަން ސަރަހައްދުތަކުގެ ތަރައްގީ ޕްލޭން އެކުލަވާލަން ޖެހޭނީ ކައުންސިލްތަކާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏަސް، އެކަން އާބަން ޑިވެލޮޕްމެންޓް ބިލްގައި ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު، މިނިސްޓްރީން ބުނަނީ އާބަން ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލާނެ ގޮތް އޮތީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ބިނާވެށި ޕްލޭން ކުރުމާއި ތަަރައްގީ ކުރުމާ ބެހޭ ބިލްގައި ކަަމަށެވެ.
އެ ބިލްގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ އާބަން ސަރަހައްދުތަކަށް ހާއްސަ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލަން ވާނީ އެ ސަރަަހައްދެއް ނިސްބަތްވާ ލޯކަލް ކައުންސިލްތަކުގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށެވެ.
މި ހުރިހާ މަޝްވަރާއެއްހެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް "ކޮށައި ކުދިކޮށްގެން" ނަމަވެސް، އާބަން ސަރަހައްދުތަކެއް ރާއްޖޭގައި ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އެހެން އޭނާ ވިދާޅުވާން ޖެހުނު ސަބަބުތައް ވެސް ވިދާޅުވެ ދެއްވި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހަމީދު: އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމް ކޮށައިލައިގެން ވިޔަސް އާބަން ސެންޓަރުތައް ގާއިމް ކުރަން ޖެހޭ ކަމަށް
މީގެ ކުރިން ކުޑަހުވަދޫ ކައުންސިލަރުކަން ކުރެއްވި ހަމީދު ވިދާޅުވީ ކައުންސިލެއްގެ ކާމިޔާބީ ވަޒަން ކުރެވޭނެ ގޮތަކީ އެ ތަނަކުން މީހުން ފައިބައިގެން ދާނީތޯ ނުވަތަ އެ ތަނަކަށް މީހުން ވަޒަންވެރިވާން އަންނަ ވަރަކުން ކަމަށެވެ. ކައުންސިލްތައް އުފައްދައިގެން މިވީ 14 އަހަރު ތެރޭ އެއްވެސް ކައުންސިލަކަށް އެކަން ހާސިލް ކުރެވުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"މާލެ އަށް މީހުން މި ޖަމާވާ ޖަމާވުން އެއްގޮތަކަށް ވެސް ހުއްޓިއްޖެތޯ؟ އެ ޖަމާވުން އިތުރުވެގެން ދިޔައީ، ކައުންސިލްތައް އައުމާ ގުޅިގެން މާލެ ސަރަހައްދަށް ކުރިން ޖަމާވާ ނިސްބަތް އެތައް ގުނައެއް އިތުރުވީ. އެހެންވެއްޖިއްޔާ އަޅުގަނޑެއް ނުދަންނަވާނަން މި ލާމަރުކަޒީ ނިޒާމަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ގޮތަށް ހެދިފައި އޮތް ނިޒާމެއް ކަމަކަށް،" ހަމީދު ވިދާޅުވި އެވެ.
ކައުންސިލްތަކާ މެދު އޮތް އަނެއް ކަންބޮޑުވުމަކީ ހަމީދު ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތަކާ ހެދި ރައީސުލްޖުމްހޫރިއްޔާގެ ބާރު ނުހިނގާ ހިސާބުތަކެއް އޮތުމެވެ. އެއީ ރާއްޖޭގައި އޮތް ޔުނިޓަރީ ދައުލަތުގެ ނިޒާމާ ހިލާފު ކަމެއްކަން އޭނާ ފާހަގަކުރައްވަ އެވެ.
"އެހެންވީމަ އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ މި ހިނދުން މި ހިނދަށް ދިވެހިރާއްޖެއަށް ވަރަށް މުހިންމު ބިލެއް، މާލެއަށް މީހުން ޖަމާވަމުން މި އަންނަ އައުން ހުއްޓިގެން ދާނެ އެއް ސަބަބު މިއީ. މަޖީދީމަގުގައި ފައި ޖައްސާއިގެން ތިބެގެން ސައިކަލް މި ދުއްވަނީ. ހުޅުމާލެ ވެސް އެ ދަރަޖައަށް އެ ދަނީ،" ހަމީދު ވިދާޅުވި އެވެ.
"އަދިވެސް މިގޮތަށް ތިބޭނީތޯ ނޫނީ އާބަން ސެންޓަރުތަކެއް ކަނޑައަޅައިގެން އަދި ލާމަރުކަޒީ ގާނޫނު ކޮށައި ކުދިކޮށްގެން ވިޔަސް އަތޮޅުތެރޭ ރައްޔިތުން މާލޭގައި މިވާ ގުރުބާން ހުއްޓުވަން ޖެހޭ."
ސްޓޭޓް މިނިސްޓަރު ފަތުހީ ވެސް ވިދާޅުވި ގޮތުގައި އާބަން ސެންޓަރުތައް ގާއިމްކޮށް އެ ތަންތަނަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ހިދުމަތްތައް ގެނައުމަކީ ރައްޔިތުން އެދޭ ކަމެކެވެ. އެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކެމްޕެއިން ދުވަސްވަރު އެކި ރަށްރަށުން އެދިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމަކޭ އެއް ފަދައިން އާބަން ސެންޓަރުތަކަށް ވެސް ރައްޔިތުން އެދިއެދި ތިބުމުން މިއީ ބޭނުންތެރި ބިލެއް ކަމަށް ފަތުހީ ވިދާޅުވި އެވެ.
ނަމަވެސް، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކައުންސިލްތަކުގެ ދައުރު ފުޅާކުރަން ބިލަށް ކޮމިޓީ މަރުހަލާގައި އިސްލާހުތައް ގެނެސްދޭން އޭނާ އެދިވަޑައިގެންނެވި އެވެ. ކައުންސިލްތަކުގެ ބާރުތައް "ކޮށައިލުމުގެ" ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަން ފަތުހީ ފާހަގަ ކުރެއްވީ، ކައުންސިލްތަކާ އެންމެ ގުޅިގެން މަސައްކަތް ކުރާ މި ސަރުކާރު ކަމަށް ވިދާޅުވަމުންނެވެ.
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
އާބަން ޑިވެލޮޕްމަންޓް ބިލް ފާސްކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް!
ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި
އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން އިސްލާހެއް
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ފަޅުރަށްތައް ކުއްޔަށްދޭއިރު މަޝްވަރާކުރަން ޖެހޭނެ
ދެ މަސް ތެރޭ ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން އިސްލާހެއް
ރަށުން ދޫކުރާ ބިމުގެ ކުލި ކަނޑައެޅުން ކައުންސިލަށް
ކައުންސިލުން ލޯނު ނަގާ އިސްލާހަށް ކަންބޮޑުވުންތަކެއް