Roadha Mihaaru
ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ

އާބަން އޮތޯރިޓީ ބިލުން ކައުންސިލްތަކުގެ ދައުރު ހަނިވޭ: މިނިސްޓްރީ

22 އޯގަސްޓް 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓް ބިލް މިހާރު އޮތް ގޮތުން ލާމަރުކަޒީ ނިޒާމްގައި ތަޅުއެޅިގެންދާނެ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާބަން ސެންޓަރުތަކެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓް ބިލް މިހާރު އޮތް ގޮތުން ލާމަރުކަޒީ ނިޒާމްގައި ތަޅުއެޅިގެންދާނެ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާބަން ޑިވެލޮޕްމެންޓްގެ ބިލް ދިރާސާކުރާ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ ބިލް ޑްރާފްޓް ކުރީ އެ މިނިސްޓްރީއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ބިލްގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ހާޝިމް ވިދާޅުވީ ބިލް އޮތް ގޮތުން އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ބާރު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލްތައް ބާރުވެރިކުރުވުން، ކައުންސިލްތަކާ ވަރަށް ގާތުން ނިޒާމް ހިންގުން އެކަމަކު މި ބިލްގައި ބުނާ އޮތޯރިޓީ އާއި އެހެންކަންކަން އުފެދިގެންދާއިރު އާބަން ރީޖަން އުފެދޭއިރު މާބޮޑު މަޝްވަރާއެއް އޮންނަ ތަނެއް ނުފެނޭ،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމްގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވެސް ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި ކަނޑައަޅާފައިވަނީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގަން ކަމަށާއި ތަރައްގީއާ ގުޅޭ އެހެން ގާނޫނުތައް ވެސް ހަދަން ޖެހޭނީ އެ ހަމަތަކުގެ މަތިން ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ދިވެހި ރައްޔިތުން ބަލައިގެންފައިވާ ނިޒާމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ލާމަރުކަޒު ކުރުމުގެ މަހުފޫމަކީ ގައުމީ ކަންކަމުގައި ރަށު ކަންކަމުގައި އަތޮޅު އަދި ސިޓީގެ ކަންކަމުގައި ރައްޔިތުން ބަސް ބުނުމުގެ ނިޒާމު އަށަގެންނެވުން. އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ބައެއް ކަންކަމުގައި ވެސް ރައްޔިތުންގެ ޝާމިލުވުން އިތުރަށް ފުޅާކުރަން ޖެހޭ،" ފަތުހީ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ މިނިސްޓްރީގެ އުއްމީދަކީ ކައުންސިލްތައް އިތުރަށް ބާރުވެރިވާ ގޮތަށް ބިލަށް ބަދަލުތައް ގެނައުން ކަމަށާއި ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް އެތައް ބާރުތަކެއް ދެވިފައިވާއިރު، އެކަމުގައި ފަހަތަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ. ގާނޫނުތައް ބަދަލުކޮށް އާ ގާނޫނުތައް ގެންނަން ވެސް ޖެހޭނީ ލާމަރުކަޒީ ނިޒާމް އިތުރަށް ފުޅާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ގޮތުން އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް ނިންމާނީ އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ. ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތަކެވެ.

އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އެކުލަވައި ލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީ އަށް ބަދަލުވާނެ އެވެ.

އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންނާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާރު މީހުން ދިރިނޫޅޭ ސަރަހައްދެއް ނަމަ އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް ލިބޭނީ އާބަން ޑިވަލޮޕްމެންޓް އޮތޯރިޓީއަށެވެ.