Roadha Mihaaru
ފަނޑިޔާރުން ބޮޑުމުސާރަ ނަގައިގެން ކުރާ ކަމެއް ނުފެނޭ!

ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން ނާޒިމް ދެކޮޅު: ބޮޑު މުސާރަ ނަގައިގެން ކުރާ ކަމެއް ނުފެނޭ!

31 ޖުލައި 2024

ފަނޑިޔާރުންގެ އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކުރަން އެދުނުއިރު، ފަނޑިޔާރުން ބޮޑު މުސާރަ ނަގައިގެން ކުރާ މަސައްކަތުގެ ނަތީޖާއެއް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފަނޑިޔާރުންގެ އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކުރަން އެދުނުއިރު، ފަނޑިޔާރުން ބޮޑު މުސާރަ ނަގައިގެން ކުރާ މަސައްކަތުގެ ނަތީޖާއެއް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލާގައި ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އިންޝުއަރެންސް ބޮޑު ކުރާ ނަމަ ޖުމްލަކޮށް، ޖުޑިޝަރީގެ ކަންކަން ހިނގާ ގޮތަށް ބަލަން ޖެހޭ ކަމަށެވެ. އަދި ކޯޓުތަކުގައި އެތައް ސަތޭކަ މައްސަލައެއް ނުނިމި ހުރި ކަމަށް ވިދާޅުވެ، ފަނޑިޔާރުންގެ މުސާރަ ދާދި ފަހުން ބޮޑު ކުރި ނަމަވެސް ނަތީޖާއެއް ނުފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއް ގާޒީ އަތުގައި އެބައޮތް 543 މައްސަލަ. އެންމެ މަދުން މައްސަލަ އޮތް ގާޒީ އަތުގައި ވެސް އެބައޮތް 112 މައްސަލަ. ގައިމު ކުރާ ކަމެއް ވެސް އޮންނަން ވާނެތާ 62،000ރ. މުސާރަ ނަގައިގެން ތިބެންޏާ،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ސިވިލް ކޯޓުގައި އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރު ވެފައިވާ މައްސަލަތައް އެބަ ހުރި ކަމަށެވެ. އިންޝުއަރެންސް ޕްރިމިއަމްގެ ބޮޑުކުރަން އެދޭއިރު، ކޯޓުތަކުގެ ދާއިރާގެ ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅު ވާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ނުފެނޭ ޖުޑިޝަރީގެ ހެލްތު އިންޝުއަރެންސްގެ ޕްރިމިއަމް ބޮޑުކޮށްދޭކަށް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަނޑިޔާރުން އަވަހަށް ރިޓަޔާވެގެން، އިނާޔަތްތަކާއި އިންޝުއަރެންސް ނަންގަވާ މައްސަލަ ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި ސިއްހަތު ސަލާމަތުން ތިބި، މެދު އުމުރުގެ ފަނޑިޔާރުން ވެސް ރިޓަޔާމެންޓް ޕެކޭޖް ނަގައިގެން ގޭގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ގާޒީ އަތުގައި އެބައޮތް 543 މައްސަލަ. އެންމެ މަދުން މައްސަލަ އޮތް ގާޒީ އަތުގައި ވެސް އެބައޮތް 112 މައްސަލަ. ގައިމު ކުރާ ކަމެއް ވެސް އޮންނަން ވާނެތާ 62،000ރ. މުސާރަ ނަގައިގެން ތިބެންޏާ،"--- ނާޒިމް

ނާޒިމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ޖުޑިޝަރީ ރަނގަޅު ކުރާނެ ކަމަށް ބުންޏަސް، އެކަން ނުކުރެވޭ ކަމަށެވެ.

"މިކަން ކުރެވެން އޮތީ ޖޭއެސްސީ އިސްލާހު ކޮށްގެން ކަމުގައިވާ ނަމަ އެކަން ވެސް ކުރަންވީ. މި ކަންކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިންޝުއަރެންސް ޕްރިމިއަމްގެ 10 ޕަސެންޓް އަމިއްލަ ޖީބުން ދައްކަންޖެހޭ ގޮތަށް ހަމަޖައްސާފައި އޮތީ އެ މީހާ އަމިއްލަ އަށް ސިއްހަތަށް ބަލައިގެން އުޅުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި ފަނޑިޔާރުންގެ އިންޝުއަރެންސް ޕްރިމިއަމް ވެސް އޭރު ހެދީ އެގޮތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ނިއުޒިލެންޑަށް ބެލި ކަމުގައި ވިޔަސް، އެ މީހާއަކީ ސިގިރޭޓް ބޯ މީހެއް ވެއްޖިއްޔާ އެ މީހާ ދައްކަން ޖެހޭ ޕްރިމިއަމް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިފަދަ ބަދަލުތައް ނުގެނެސް މިކަން ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އާސަންދައިގެ ވެސް ހަރަދުތައް ބޮޑުވަނީ މާބޮޑަށް ހުޅުވާލާފައި އޮންނާތީ ކަމަށެވެ.

"އުޅޭނެހާ ގޮތަކަށް މީހާގެ ދިރިއުޅުން ހޭދަކޮށްފައި އެ މީހާ ބަލިވީމާ، އެ ބިލް ސަރުކާރުން އަދާކުރާކަށް ނުޖެހޭނެ. އެނާޖީ ޑްރިންކްސް ބޮއިފައި، ސިނގިރޭޓް ބޮއެފައި، ނުރަނގަޅު ލައިފްސްޓައިލް އާދަތައް އުޅެފައި، ބަލިވީމާ ސަރުކާރުން ހަވާލުވަން ޖެހޭ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީގެ ފަރާތުން އެދުނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕްރިމިއަމްއަށް ފަނޑިޔާރުން އަމިއްލައަށް ދައްކަމުންދާ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހެދުމަށެވެ. ނަމަވެސް ކޮމިޓީގެ މެމްބަރުން ކުރިން ވަނީ، އެގޮތަށް އޭރު ބަދަލު ގެނައީ ފަނޑިޔާރުންގެ ފަރާތުން އެދިގެން ކަމަށް ވިދާޅުވެފަ އެވެ.