Roadha Mihaaru

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ދިރާސާކުރަން ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ މެދު އަލުން ވިސްނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވާފައިވާތީ، އެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ކޮމިޓީއަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

17 މާޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާ މެދު އަލުން ވިސްނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވާފައިވާތީ، އެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި އެ ބިލް ތަސްދީގު ނުކުރައްވައި، ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާތީ އެވެ.

ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނީ އެ ބިލް އޮތްގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށެވެ.

އަނބުރާ ފޮނުވާލި ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހިއިރު، 50 މެންބަރުންގެ ވޯޓުން އެގޮތަށް ފާސްކުރި އެވެ. ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވަރަށް އަވަސް އަރުވާލައިގެން ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. އޭރު މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ އާއި ގާނޫނީ ގިނަ ވަކީލުން ވަނީ އެ ބިލް ފާނޫނުއަސާސީއާ ފުށުއަރާކަން ފާހަގަކޮށް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، ބިލް ފާސްކުރީ އެކަންކަމާ މެދު މަޝްވަރާކުރުމެއް ނެތި އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.