ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ ހިންގާ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ރޭ ބުނެފި އެވެ.
24 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ ހިންގާ އަމަލެއް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ކުށްވެރިކޮށް، ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެ ހުށަހެޅުމަކީ ސަރުކާރުން ކޯޓަށާއި ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ސުޕްރީމް ކޯޓް ބަދަލުކުރާނެ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުން އައި ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، އެއީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.
މިކަން ސަރުކާރުން ކުރުމަށް ނިންމި ވަގުތާ، ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދާ ވަގުތު ދިމާވެފައިވާކަން އެ ޕާޓީން ފާހަގަކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފުލް ބެންޗުންނެވެ.
އެ މައްސަލަ އަށް ތަދައްހުލުވާން ޑިމޮކްރެޓްސް އިން ހުށަހެޅުމަށް ފަހު، ޕާޓީ ތެރޭގައި އެކަމަށް ހިޔާލު ތަފާތުވުމުން ވަނީ މައްސަލައިން ބޭރުވެފަ އެވެ.
ޑިމޮކްރެޓްސް ޕާޓީގެ ބަޔާނުގައި ބުނީ "ކޯޓް ޕެކިން" ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެއް ކަމަށާއި ބައެއް ފަހަރު ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް އަމަލުކުރުމަށް ބޭނުންވާ ސަރުކާރުތަކުން އެގޮތަށް ކަންކުރާ ކަމަށެވެ.
އަނެއްބައި ފަހަރު ކޯޓަށް ލިބިގެންވާ ބާރުގެ މައްޗަށް އިތުރަށް ކޯޓުން ބާރުތައް ނަގަމުންދާ ވަގުތު ގައުމުތަކުގެ ސަރުކާރުތަކުން އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޕާޓީން ބުންޏެވެ.
"ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެންވާ ބާރުތަކުގެ މައްޗަށް އަނެއް ބާރަކުން އަރައިނުގަނެ، ނުވަތަ ނާޖާއިޒު ނުފޫޒު ނުފޯރުވައި، ދައުލަތް އޮމާންކަމާ އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގުމަށް ޖާގަ ދީގެން މެނުވީ ރާއްޖޭގެ ޑިމޮކްރެސީ އަށާއި ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ،" ބަޔާނުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ ފަނޑިޔާރުން މަދުކުރަން ޖެހޭ ގޮތަށް މަޖިލީހަށް ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ސައްތާރު ވިދާޅުވީ، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލް ވާނީ ސުޕްރީމް ކޯޓު ކުރިއެކޭ އެގޮތަށް ބަދަލު ކޮށްގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ކޮމިޓީއަށް
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
ޖުޑިޝަރީ ގަޑުބަޑުކުރުމުގެ ތާރީހެއްއޮތީ އެމްޑީޕީގަ:ޝުުޖާއު
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 5 އަށް މަދުކުރަން ބިލެއް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް