Roadha Mihaaru
ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވަން ފާސްކޮށްފި

ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، މަޖިލީހުން ފާސްކޮށްފި

07 އޯގަސްޓް 2024

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ކޮންމެ ހަ މަހުން އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ކޮންމެ ހަ މަހުން އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

ނަމަވެސް އެކަން އަހަރު ދެ ފަހަރު ބާއްވާ ގޮތަށް ބަދަލު ކުރުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައި ވެ އެވެ.

މި ދެ ގާނޫނު އިސްލާހު ކުރަން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 67 މެންބަރުންނެވެ. އެ އިސްލާހުތައް ފާސްކުރަން ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހުތަކާއެކު ބައި އިލެކްޝަން ބާއްވަން ޖެހޭނީ 183 ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ނަމަވެސް ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.

ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.