Roadha Mihaaru
އަހަރަކު ދެ ފަހަރު ބައި އިލެކްޝަން ބާއްވަން އިސްލާހެއް

ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

29 ޖުލައި 2024

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ޝަފީއު އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު އެވެ.

އެ އިސްލާހުގައި ވަނީ އެގޮތަށް ބާއްވާ ބައި އިލެކްޝަނެއްގެ ދެމެދު 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށެވެ.

އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް ސަރުކާރުން ވަނީ ބައެއް ހާލަތްތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

މެންބަރެއްގެ ގޮނޑި ހުސްވުމުގެ ސަބަބުން ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

ކޮންމެ އަހަރަކު އެތައް ބައިވަރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފަ އެވެ.

އޭރު ސަރުކާރުގެ ފަރާތުން ހުށަހެޅީ ކޮންމެ އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބޭއްވުމަށެވެ. ނަމަވެސް އެ މަސައްކަތް މަޖިލީހުގައި އޭރަކު ކުރިއަކަށް ނުގެންދެ އެވެ.