Roadha Mihaaru
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން

ޔޫރޯގެ ހަނދާނެއް؛ ފައިނަލް މެޗުގެ ކުރިން ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން

25 ޖޫން 2024

ފްރާންސްގައި 1984 ގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް، އެ ގައުމު ދަތުރުކުރުމުން އުފާފާޅު ކުރުންތައް ފެށި އެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެން ޖެހުމުން އެއީ، އެ ވަގުތާ ހަމައަށް ފުޓްބޯޅައިން ފްރާންސަށް ލިބިފައި އޮތް އެންމެ ބޮޑު ކާމިޔާބެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފްރާންސްގައި 1984 ގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް، އެ ގައުމު ދަތުރުކުރުމުން އުފާފާޅު ކުރުންތައް ފެށި އެވެ. އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅެން ޖެހުމުން އެއީ، އެ ވަގުތާ ހަމައަށް ފުޓްބޯޅައިން ފްރާންސަށް ލިބިފައި އޮތް އެންމެ ބޮޑު ކާމިޔާބެވެ.

ފުރަތަމަ ސެމީން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދި އެވެ. ފައިނަލް މެޗާ ދެމެދު އަރާމުކޮށްލަން އެ ޓީމަށް ތިން ދުވަސް ލިބުނެވެ. ފައިނަލުގެ ފަހު ޖާގަ ހޯދި ސްޕޭނަށް ލިބުނީ އަރާމުކުރަން ދެ ދުވަހެވެ. އިތުރަށް އެއްދުވަސް ލިބި ފްރާންސްގެ ކުޅުންތެރިންނަށް މާ ރަނގަޅަށް ވެސް ހަޖެހިލެވޭނެކަމުގެ ހިތްހަމަޖެހުން އޮތެވެ.

ނަމަވެސް ފައިނަލް މެޗުގެ އެއް ދުވަސް ކުރިން، ފްރާންސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ގޯލްކީޕަރު ޖްއެލް ބެޓްސް ކުއްލިއަކަށް ގެއްލިއްޖެ އެވެ. ޓީމު ކޭމްޕްކޮށްގެން ތިބި ބޭސް ހިމެނޭ ސަރަހައްދު ހޯދައި ބެލިއިރު ވެސް އޭނާގެ އެއްވެސް ހިލަމެއް ނުވި އެވެ. ހިތްހަމަޖެހިލައިގެން ތިބި ފްރާންސް ހާސްކަމުގެ ތެރެއަށް ވެއްޓުނެވެ.

ޕެނަލްޓީ މަތަކުރުމުގައި ވެސް ހުޝިޔާރު ކީޕަރަށް ވީ ނުވީއެއް ނޭނގި ގިނަ ގަޑިއިރުތަކެއް ހޭދަވި އެވެ.

އޭގެ ދެ އަހަރު ކުރިން ޓެސްޓިކަލް ކެންސަރު ޖެހިގެން ފަރުވާ ހޯދި، ބެޓްސް ގެއްލުނު ޚަބަރުތަކާ އެކު އޭނާ އަށް ސިއްހީ ގޮތުން ކަމެއް ދިމާވެ، ތަނަކަށް ވެއްޓިފައި އޮވެދާނެ ކަމުގެ ޝައްކުތައް ވެސް ޓީމު ތެރޭގައި ބޮޑުވި އެވެ.

ގިނަ ގަޑިއިރުތަކެއް ހޭދަވި ފަހުން އޭނާ އާއި ޓީމުގެ އެހެން ދެ ކުޅުންތެރިޔަކު ކޭމްޕަށް އެނބުރި އައެވެ. ވާނުވާ އޮޅުންފިލުވި އިރު ތިން ކުޅުންތެރިން ދިޔައީ މަސްދަތުރެއްގަ އެވެ. އަމިއްލަ އަށް ދޮއްޓެއް ހަދައިގެން ކޯރަކަށް މަސްބާނަން ދިޔައީ ކަމަށް ބެޓްސް ބުނެފައި ވެއެވެ.

"އަހަރެން ދިޔައީ މަސްވެރިކަމަށް ފިލިޕް ބާގަރޫ އާއި ބްރޫނޯ ބެލޯންއާ އެކު، އަހަރެމެން އަމިއްލައަށް ހަދާފައިވާ ދޮއްޓެއް ހިފައިގެން،" އޭގެ އަހަރުތަކެއް ފަހުން ދިން އިންޓަވިއުއެއްގައި، އެ ހާދިސާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ބެޓްސް ބުނެފައި ވެއެވެ.

"ހެޔޮވަރުގެ މަހެއް އަހަރެމެން ބޭނިން. އަހަރެމެން ވާނުވާ ކިޔައި ދިނުމުން ވަރަށް ހަރުކަށިކޮށް އަހަރެމެންނާ ދިމާލަށް ހަޅޭއްލެވި. ނަމަވެސް ފަހުން ވަރަށް ގަދަ އަށް އަހަރެމެން ތިން މީހުން އެކަމާ ހީ ހެދިން."

ބެޓްސް ފާހަގަ ކުރެވިފައި ވަނީ އޭރު ވެސް ތަފާތު ކަންކަން ކުރާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ކެންސަރަށް ފަރުވާ ހޯދި ދުވަސްވަރު އޭނާ ޅެން ފޮތެއް ވެސް ލިޔުނެވެ. އެ ފޮތުގެ ދެ ވޮލއުމް އެކުލަވާލި އެވެ. އަދި އޭނާ ލިޔުނު ބައެއް ޅެންތަކަށް ލަވަ އަލްބަމެއް ތައްޔާރު ކުރި އެވެ.

އޭނާގެ އަޑުން ކިޔާފައިވާ ލަވަތައް ހިމެނޭ އަލްބަމްގެ ނަމަކަށް އޭނާ ދިނީ "ތިބާގެ ރޭގެނޑުގެ ކީޕަރު" އެވެ. މިހާރު އުމުރުން 67 އަހަރުގެ ބެޓްސް، މިހާރު މަސައްކަތް ކުރަނީ އެމެރިކާގެ މޭޖާ ލީގުގެ ކްލަބް، މޮންޓެރެއާލް އިމްޕެކްޓްގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި، ޓީމުގެ ގޯލްކީޕިން ކޯޗުގެ ގޮތުގަ އެވެ.