Roadha Mihaaru
ފީފާއިން ބައްސާމް ސަސްޕެންޑް ކޮށްފި

ފީފާގެ ނިންމުން: ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ބައްސާމް ސަސްޕެންޑް ކޮށްފި

20 ޖޫން 2024

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން މިރޭ ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން މިރޭ ނިންމައިފި އެވެ.

އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ، ބައްސާމް ސަސްޕެންޑް ކުރީ ނުވަ މަސް ދުވަހަށެވެ.

ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވުނު، ފުޓްބޯޅައިގެ އެކި ބޭފުޅުންނަށް، ފީފާގެ މިނިވަން އެތިކްސް ކޮމިޓީން، މީގެ ކުރިން ފުރަތަމަ މަރުހަލާގައި ސަސްޕެންޝަނުގެ އަދަބު ދީފައި ވަނީ 90 ދުވަހަށެވެ. އަދި އެއަށް ފަހު އަނެއްކާ ވެސް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރަމުން ގެންދެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ، ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ އަދި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް އޮކްޓޯބަރު 2015 ގައި އެތިކްސް ކޮމިޓީން ސަސްޕެންޑް ކުރީ 90 ދުވަހަށެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އެ ދެ ބޭފުޅުންގެ ސަސްޕެންޝަން ވެސް އިތުރު ކުރަމުން ގެންގޮސް، މައްސަލަ ބަލައި ނިންމައި އަށް އަހަރަށް ސަސްޕެންޑް ކުރި އެވެ.

އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުގައި ވެސް ހުންނެވި، ބައްސާމް ސަސްޕެންޑް ކުރުމުން އެ މަގާމުގެ ހައިސިއްޔަތު ވެސް އޭނާ އަށް ތަމްސީލު ނުކުރެވޭނެ އެވެ.

ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ބައްސާމަށް މަނާ ވާނެ ކަމަށެވެ.

ފީފާއިން ބުނީ އެ އިދާރާގެ އެތިކްސް ކޮމިޓީން މިގޮތަށް ނިންމީ ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

"މި ތަހުގީގުތަކުގެ ފުރަތަމަ މަރުހަލާގައި ލިބުނު މައުލޫމާތާއި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، އެފްސީއީ [ފީފާގެ ކޯޑް އޮފް އެތިކްސް] ގެ 62 ވަނަ މާއްދާގެ 1 ވަނަ ޕެރެގްރާފްގައިވާ ގޮތުން ފުރަތަމަ ފަހަރު ވެސް މައްސަލައެއް އޮތް ކަމަށް ފާހަގަވުމުން، (ފީފާގެ) ތަހުގީގު ޗެމްބަރުގެ ޗެއާޕާސަން ނިންމީ [ބައްސާމް އަދީލް] ޖަލީލާ ގުޅޭ ރަސްމީ ތަހުގީގެއް ކުރިއަށް ގެންދިއުމަށެވެ. އެއީ (ފީފާގެ ކޯޑުން) އަންނަނވި މާއްދާތަކާ، ބައްސާމް ހިލާފުވެފައި އޮތްތޯ ބެލުމަށެވެ.،" ފީފާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ފީފާގެ އެތިކްސް ކޯޑާއި ބައްސާމް ހިލާފުވެފައި އޮވެދާނެކަމަށް ބެލެވޭ ކަންކަން

- މާއްދާ 14 އާންމު ވާޖިބުތަކާ ހިލާފުވެފައިވުން

- މާއްދާ 20 މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކޮށްފައިވުން

- މާއްދާ 21 ހަދިޔާ އާއި އެހެނިހެން ފައިދާތައް ލިބިގަނެ ހުށަހެޅުން

- މާއްދާ 29 ނަހަމަގޮތުގައި ފައިސާ ބޭނުންކުރުން

ފީފާގެ ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރީ، މިހާރު ހިނގަމުންދާ، އޭނާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާން ގާތްގަކަނޑަކަށް 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ބައްސާމްގެ އެކްސްކޯގެ މި ދައުރު ހަމަވާނީ އަންނަ މަހު ދެވަނަ ދުވަހަށެވެ.