Roadha Mihaaru
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާޔަށް މީހުން ގިނަވެއްޖެ

ނަތަންޔާހޫއާ ދެކޮޅު މުޒާހަރާޔަށް ނުކުންނަ މީހުން ގިނަވެއްޖެ

18 ޖޫން 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުން ކާމިޔާބީއެއް ނުލިބޭތީ އާއި ހަމާސް އިން ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ސަލާމަތް ނުކުރެވޭތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އިއްޔެ ވެސް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

ޣައްޒާގެ މައްސަލަައިގައި ނަތަންޔާހޫ ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ކޮންމެ ހަފްތާ ބަންދެއްގައި ތެލް އަވީވްގައި މުޒާހަރާކުރަމުން ގޮސް މިހާރު މި މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ގިނަވެ މިފަހަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ހިނގާފައި ގުދުސް އަށް ގޮސް، އެތަނުގައި ހުންނަ ގާނޫނުހަދާ މަޖިލީހާއި ނަތަންޔާހޫގެ ގޭދޮށަށް އެއްވެ އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައިފަ އެވެ. ނަތަންޔާހޫ ސިފަކުރަނީ އޭނާއާ ދެކޮޅަށް ބާއްވާ އެއްވުންތަކަކީ "އެކްޓިވިސްޓުން ކުރާ އުނދަގޫތަކެއް" ގެ ގޮތުގަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އިއްޔެ މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އިއްޔެ މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

"ނަތަންޔާހޫގެ ކޮންމެ ފިޔަވަޅެއްގެ މިސްރާބު ހުރީ އިޒްރޭލުގެ ހަލާކާ ދިމާލަށް. [ހަމާސް އިން އިޒްރޭލަށް ހަމަލާދިން] އޮކްޓޫބަރު ހަތެއްގެ ހާދިސާގެ ޒިންމާ ވެސް އޭނާ ނަގަންޖެހޭނެ،" މުޒާހަރާގައި ބައިވެރިވި އުމުރުން 73 އަހަރުގެ އިޒްރޭލު މީހުން އޭއެފްޕީއަށް ބުންޏެވެ.

އޭނާ ބުނީ ހަނގުރާމައެއްގެ ތެރޭގައި އޮތް ނަމަވެސް ނަތަންޔާހޫ އިސްވެ ހުރެ ކުރާ ހަނގުރާމަޔަކުން ކޮންމެ ދުވަހަކު ލިބެނީ ގެއްލުން ކަމަށެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލުމަށް ފަހު އެނބުރި ދިޔައީ 251 މީހަކު ރަހީނުކޮށްގެންނެވެ. އިޒްރޭލުން ބުނާ ގޮތުގައި އޭގެ ތެރެއިން 116 މީހަކު އަދިވެސް ޣައްޒާގެ ތެރޭގައި ސަލާމަތުން އެބަ ތިއްބެވެ. އަދި 41 މީހަކު ވަނީ މަރުވެފަ އެވެ.

ހަމާސްގެ ހަމަލާޔަށް ފަހު އެކަމުގެ ބަދަލު ހިފައި ރަހީނުން ސަލާމަތްކުރަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ