Roadha Mihaaru
ހަނގުރާމައިގެ ވަރުގަދަ މަރުހަލާ ނިމެނީ ކަމަށް ބުނެފި

ހަނގުރާމައިގެ ވަރުގަދަ މަރުހަލާ ނިމުމަކާ ގާތްވެއްޖެ: ނަތަންޔާހޫ

24 ޖޫން 2024

ފަލަސްތީނުގެ ޣައްޒާ ސިޓީގެ ދެކުނުގައި "ހަމާސްއާ ދެކޮޅަށް" ދެމުން ގެންދާ ހަމަލާތަކުގެ ވަރުގަދަ މަރުހަލާ މިހާރު ނިމުމަކާ ގާތްވެއްޖެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާ ސިޓީގެ ދެކުނުގައި "ހަމާސްއާ ދެކޮޅަށް" ދެމުން ގެންދާ ހަމަލާތަކުގެ ވަރުގަދަ މަރުހަލާ މިހާރު ނިމުމަކާ ގާތްވެއްޖެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އިޒްރޭލުގެ ޗެނަލް 14 ނެޓްވޯކަށް ދިން އިންޓަވިއުގައެއްގައި މިހެން ބުނި ނަމަވެސް އަށް މަސް ދުވަސްވީ ހަމަލާތަކުގެ މި މަރުހަލާއާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

"މީގެ މާނަ އަކީ ހަނގުރާމަ ނިމުމެއް ނޫން. އެކަމަކު ރަފަހްގައި ހަނގުރާމައިގެ އެންމެ ވަރުގަދަ އަދި އުނދަގޫ މަރުހަލާ ނިމުން،" ނަތަންޔާހޫ ބުންޏެވެ.

އިޒްރޭލުގެ އޮފިޝަލުން ސިފަކުރާ ގޮތުގައި ހަމާސް އިން އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކާ ގުޅިގެން އާންމުން ހިމާޔަތް ހޯދާ ރަފަހް އަކީ ހަމާސްގެ ހަނގުރާމަވެރިންގެ ބާރު މިހާރު އޮތް ހަމައެކަނި ތަނެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދުން ހިމާޔަތް ހޯދަމުން ދަނިކޮށް އިޒްރޭލުން އެތަނުގައި ވެސް ހަމަލާ ދެމުން ދާތީ ގައުމުތަކާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އިޒްރޭލުން އެ އަޑެއް ނާހަ އެވެ.

މިއީ އޮކްޓޫބަރު 7 ގެ ހަމަލާތައް ފެށި ފަހުން ނަތަންޔާހޫ އިޒްރޭލުގެ މީޑިއާ އަށް ދިން ފުރަތަމަ އިންޓަވިއު އެވެ. މި އިންޓަވިއު ދީފައިވަނީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އެމެރިކާ އަށް ދަތުރު ފަށާފައި ވަނިކޮށެވެ. އަދި އިޒްރޭލުގެ ވަރުގަދަ ހަމަލާތަކާ އެކު ވެސް ރަހީނުން ސަލާމަތް ނުކުރެވި އިޒްރޭލަށް ލިބޭ ގެއްލުން ބޮޑު ކަމަށް ބުނެ އާންމުންގެ ނުރުހުން ވެސް ނަތަންޔާހޫއަށް ވަނީ ބޮޑުވެފަ އެވެ.

ހަމާސް އިން އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރި ހަމަލާތަކާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 37،500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ. -- އޭއެފްޕީ