Roadha Mihaaru
ރަފަހް އަށް އެރުމަކީ ހެދޭނެ ގޯހެއް: ބައިޑެން

އިޒްރޭލު ސިފައިން ރަފަހް އަށް އެރުމަކީ ހެދޭނެ ގޯހެއް: ބައިޑެން

19 މާޗް 2024

އިޒްރޭލު ސިފައިން ފަލަސްތީނުގެ ރަފަހް އަށް އަރައި އަސްކަރީ ބޮޑު ހަރަކާތެއް ހިންގުން ވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ކަމަށް އެެމެރިކާގެ ރައީސް ޖޯ ބައިޑެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދަންނަވައިފި އެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގެ ރަފަހް އަށް އަރައި އަސްކަރީ ބޮޑު ހަރަކާތެއް ހިންގުން ވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ކަމަށް އެެމެރިކާގެ ރައީސް ޖޯ ބައިޑެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދަންނަވައިފި އެވެ.

ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާނުލައި އެތައް މިލިއަން ބަޔަކު ހާލުގައި ޖައްސާފައި ވާތީ އުފެދެމުންދާ ފިއްތުންތަކާ އެކު އިޒްރޭލާއި އެމެރިކާގެ ވެސް ހިޔާލު ތަފާތުވެ ގުޅުމަށް އަސަރުކޮށްފައި ވާއިރު ބައިޑެން މިހެން ވިދާޅުވީ ދުވަސްތަކަކަށް ފަހު ދެ ލީޑަރުން ފޯނުން ކުރެއްވި މަޝްވަރާއެއްގަ އެވެ.

ވައިޓް ހައުސް އިން ބުނީ އިޒްރޭލުގެ އިސް އޮފިޝަލުންގެ ވަފުދެއް އެމެރިކާއަށް ފޮނުވައި ރަފަހްގައި ހިންގަން އުޅޭ އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކުރުމަށާއި އެ އޮޕަރޭޝަން އެ ނޫން އެހެން ގޮތަކަށް ކުރިއަށް ގެންދެވިދާނެތޯ ބެލުމުގެ ގޮތުން މަޝްވަރާކުމަށް ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށެވެ.

އެކަމަކު ނަތަންޔާހޫގެ ވާހަކައާ ބެހޭ ގޮތުން އިޒްރޭލުން ބުނީ އިޒްރޭލުން ހަމަލާތަކުގައި ހާސިލްކުރަން ބޭނުންވާ ކަންކަމައިގެން ކުރިއަށްދާނެ ކަމަށް ތަކުރާރުކޮށް ބައިޑެން އަށް ދަންނަވާފައިވާނެ ކަމަށެވެ. އިޒްރޭލުން ބުނަނީ ރަފަހް އަށް އަރަނީ އެތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭތީ އާއި ހަމާސްގެ ބާރު ނައްތާނުލެވި އޮތީ އެތަނުގައި އެކަނި ކަމަށް ވާތީ ކަމަށެވެ.

ބައިޑެން އާއި ނަތަންޔާހޫ ވާހަކަ ދައްކަވާފައި މި ވަނީ އިޒްރޭލުގެ އަމަލުތައް ބަހައްޓާ ގޮތުން ބައިޑެންގެ ފަރާތުން އާންމުކޮށް އިޒްރޭލާ ދެކޮޅަށް ނުދައްކާ ފަދަ މޭރުމަކުން އެތައް ފަހަރަކު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެމެރިކާއިން ބުނަނީ އިޒްރޭލުން ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށާއި މީހުން މަރުވަނީ މާގިނައިން ކަމަށެވެ. ރަފަހް އަކީ އާންމުން ހިމާޔަތް ހޯދަން މިހާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށް ވާއިރު އެތަނަށް އަރައި ހަނގުރާމަ ފެށުމަކީ އިންސާނީ ބޮޑު ކާރިސާއަކަށް ވާނެ ކަމަށް އެމެރިކާއިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. -- އޭއެފްޕީ