Roadha Mihaaru
އިޒްރޭލުން އަލްޖަޒީރާ ބްރޯޑްކާސްޓްކުރުން މަނާކުރަނީ

އިޒްރޭލުން އަލްޖަޒީރާ ބްރޯޑްކާސްޓްކުރުން މަނާކުރާނަން: ނަތަންޔާހޫ

02 އެޕްރީލް 2024

ގާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ދިން ބާރުތަކުގެ ބޭނުންކޮށް، އިޒްރޭލުން އަލް ޖަޒީރާ ނިއުސް ޗެނަލް ބްރޯޑްކާސްޓްކުރުން މަނާކުރާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ދީފި އެވެ.

ގާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ދިން ބާރުތަކުގެ ބޭނުންކޮށް، އިޒްރޭލުން އަލް ޖަޒީރާ ނިއުސް ޗެނަލް ބްރޯޑްކާސްޓްކުރުން މަނާކުރާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ދީފި އެވެ.

މީގެ ކުރިން ވެސް އިޒްރޭލުގެ ނުރުހުން، ގަތަރުގެ އަލް ޖަޒީރާއަށް އޮންނަ އިރު، މިފަހަރު ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަަމަލާތަކާ އެކު މި ރުޅިވެރިކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

"ޓެރަރިސްޓް ޗެނަލް އަލް ޖަޒީރާ މީގެ ފަހުން އިޒްރޭލުން ބްރޯޑްކާސްޓެއް ނުކުރެވޭނެ. އަލަށް ފާސްކުރި ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކޮށް މިކަން ވަގުތުން ކުރަން ބޭނުން،" ނަތަންޔާހޫ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އަލް ޖަޒީރާއިން ބުނީ މިއީ އެ ޗެނަލް ހުއްޓުވަން އިޒްރޭލުން ރާވައިގެން ދެމުން އަންނަ ހަމަލާތަކުގެ ބައެއް ކަމަށެވެ. ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާ ދިނުމުގެ ވެސް ކުރިން އަލް ޖަޒީރާގެ ނޫސްވެރިޔަކު މަރާލުމާއި ދެ ކޮރެސްޕޮންޑެންޓެއްގެ މަރާއި އަލް ޖަޒީރާގެ އޮފީހަށް ބޮން އެޅުން ވެސް މި ސިލްސިލާގައި ހިމެނޭ ކަމަށް އަލް ޖަޒީރާއިން ބުންޏެވެ.

ނަތަންޔާހޫގެ މި ވާހަކައާ އެކު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ "މިއީ ތެދެއް ނަމަ، މިއީ ކަންބޮޑުވުމެއް" ކަމަށް ބުނެފަ އެވެ.

ނިއު ޔޯކްގައި ހިންގާ "ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް" އިން ބުނީ ނަތަންޔާހޫއަށް ދީފައިވާ ބާރުން ބޭރުގެ ކޮންމެ ބްރޯޑްކާސްޓަރެއް ވެސް ހުއްޓުވިދާނެ ކަމަށެވެ.

"މިއީ މައުލޫމާތު ސިއްރުކުރުމާއި މީޑިއާއާ ދެކޮޅުވެރި މާހައުލެއް އުފެއްދުން. އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު މިކަން އޮތީ ފެށިފައި،" އެ ޖަމާއަތުން ނެރުނު ކަންބޮޑުވުމުގެ ބަޔާނުގައި ބުންޏެވެ.

އިޒްރޭލުން ބުނާ ގޮތުގައި ޖެނުއަރީ މަހު ވައިގެ މަގުން ހަމަލާދީ މަރާލި އަލް ޖަޒީރާގެ މުވައްޒަފަކާއި އެ ޗެނަލް އަށް މަސައްކަތްކޮށްދޭ ފްރީލާންސް ނޫސްވެރިޔާ އަކީ ވެސް ޓެރަރިސްޓް ހަރަކާތްތައް ހިންގާ ދެ މީހުންނެވެ. އަދި ޖެހިގެން އައި މަހު އިޒްރޭލުން އަލް ޖަޒީރާގެ ނޫސްވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު އޭނާ އަކީ ހަމާސްގެ "ޑެޕިއުޓީ ކޮމްޕެނީ ކޮމާންޑަރެއް" ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.

މި ތުހުމަތުތަކަށް އަލް ޖަޒީރާއިން ކަނޑައެޅިގެން އިންކާރުކުރާ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ޣައްޒާގައި ތިބި އެ ޗެނަލްގެ ނޫސްވެރިންނަށް ހަމަލާ ދިނުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް އެ ޗެނަލުން ބުންޏެވެ. -- އޭއެފްޕީ