Roadha Mihaaru
ސިއްހީ ހަރަދު ކުޑަކުރާ ޒިންމާ އޮތީ އަމިއްލަ އަތުގައި

ސިއްހީ ހަރަދުތައް ކުޑަކުރުމުގެ ޒިންމާ އޮތީ އަމިއްލަ އަތުގައި: މިނިސްޓަރު

11 ޖޫން 2024

ސިއްހީ ކަންކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމަށް ބުންޏަސް އެ ހަރަދުތައް ކުޑަކުރުމުގެ ޒިންމާ އޮތީ އަމިއްލަ އަތުގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ކަންކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމަށް ބުންޏަސް އެ ހަރަދުތައް ކުޑަކުރުމުގެ ޒިންމާ އޮތީ އަމިއްލަ އަތުގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ދުވަސް ފާހަގަކުރަން ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތަފާތު ބަލިތައް އިތުރުވެ، އޭގެ ސަބަބުން ޖީބަށް ބަރުވެ އަދި ދައުލަތުގެ ހަޒާނާއަށް އޭގެ ބުރަކަން އަންނަ ވާހަކަ ދައްކާ ކަމަށެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ އޭގެ ހައްލު އޮތީ މާ ދުރުގައި ނޫން ކަމަށެވެ.

"އެ ހައްލު އޮތީ އަޅުގަނޑުމެންގެ އަތުގައި. މާ ދުރަކު ނޫން. އެ ހައްލު އޮތީ އަޅުގަނޑުމެން އަތުގައި. އެ ހައްލުގައި އަޅުގަނޑުމެން ހިފަންވީ. އަޅުގަނޑުމެން އެ ހައްލުގައި ހިފައިފިއްޔާ އަޅުގަނޑުމެން މި ކުރަންޖެހޭ ވަރަށް ގިނަ ހަރަދުތަކުން، އާއިލާތައް ތަހައްމަލުކުރާ ވަރަށް ގިނަ ތުރާތަކުން އާއިލާތަކުން، އާއިލާތައް ކުރިމަތިލާންޖެހޭ ވަރަށް ގިނަ ހިތާމަތަކުން ސަލާމަތްވާނެ." ހަލީލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ކުޑަކުދިން ދުންފަތުން ދުރުކުރަން "ދަފަރާ" ނަމުގައި އެއް އަހަރުގެ ކެމްޕެއިނެއް ވަނީ އިފްތިތާހުކޮށްފަ އެވެ. މިދިޔަ މަހުގެ 31 ގައި ފާހަގަކުރި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި އެޗްޕީއޭއިން ބުނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުން ކުދިން ސަލާމަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ދަފަރާ ކެމްޕެއިން އަކީ ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރަން ދަރިން ހުށަހެޅޭ ނުރައްކަލަކީ ކޮބައިކަން އަދި އެކަމުން އެ ކުދިން ރައްކާތެރިކުރަން ބެލެނިވެރިން ކުރަންޖެހޭ ކަންތައް ސާފުކޮށް، ބެލެނިވެރިން ބާރުވެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކެންޕެއިނެކެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް އުފެއްދުންތަކާއި އިޝްތިހާރުތައް ބޭނުންކޮށް، ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓުފޯމުތަކުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓިކް ޕައުޗް ފަދަ އުފެއްދުންތައް ޒުވާނުންގެ މެދުގައި މަގުބޫލްވެފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ ދެ އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ހަވާލައިދީ، އެޗްޕީއޭއިން ބުނީ 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިން ކޮންމެ ވެސް ވައްތަރެއްގެ ދުންފަތެއް ބޭނުންކުރާ ކަމަށެވެ.

މީހަކު ސިނގިރޭޓެއް ނިއްވާލަނީ--. ފައިލް ފޮޓޯ: މިހާރު

މީހަކު ސިނގިރޭޓެއް ނިއްވާލަނީ--. ފައިލް ފޮޓޯ: މިހާރު

އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް ނުވަތަ 1.8 ބިލިއަން ރުފިޔާގެ ސިނގިރޭޓް އެތެރެކުރާ ކަމަށެވެ. އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި ނުވަ ހޮސްޕިޓަލް އަޅަން ދާނެ ހަރަދެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް ޅައުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ ކަމަށެވެ. ޅަކުދިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ ވޭޕަކީ ގިނަ ގޭބިސީތަކުގައި ކަންބޮޑުވުމެއް ނޫން ކަމަށާއި އެކަމަކު، ގޭގެއިން ވަރަށް ގިނައިން ފެންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ނުރައްކާ ބޮޑުވުމުން ދުނިޔޭގެ ބައެއް ގައުމުތަކުން ވޭޕް މަނާކުރަމުން ދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ، މިނިސްޓަރު ވަނީ ޝީޝާ އާއި ވޭޕް އަދި ދުންފަތުގެ ބާވަތްތަކުން ދުރުވުމަށް ނަސޭހަތްތެރިވުމަށް އެދިވަޑައިގެންފަ އެވެ.

"ސިނގިރޭޓު ނުވަތަ ޝީޝާ ބުއިމަކީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފްސު ބިނާކުރަން އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނުކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ކުރާ މަސައްކަތް، އެއީ ގަޓު މަސައްކަތަކީީ." އޭނާ ވިދާޅުވި އެވެ.