Roadha Mihaaru
ޝަރުތު ހަމަވި 1015 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު

ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދީފި

11 ޖޫން 2024

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ލޯނުދީ، ދަރިވަރުންގެ ލިސްޓު ސަރުކާރުން މިއަދު އިއުލާން ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި 1،015 ދަރިވަރުންނަށް ލޯނުދީ، ދަރިވަރުންގެ ލިސްޓު ސަރުކާރުން މިއަދު އިއުލާން ކޮށްފި އެވެ.

މި އަހަރު ލޯނަށް ހުޅުވައިލުމުން 500 ފުރުސަތަށް އެދި 1،709 ދަރިވަރުން ކުރިމަތިލި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާ ކަމަށެވެ. ލޯނަށް މިހާތަނަށް ހޮވިފައި ވަނީ 1،015 ދަރިވަރުން ކަމަށާއި އެ ދަރިވަރުންނަށް އަންނަ ބުރާސްފަތި ދުވަހު "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު ނެރެފައިވާއިރު، އޭގެ ތެރެއިން ޕައިލެޓް ލައިސެންސް ސްލޮޓްތަކުން ފެންނަން ހުންނާނީ ވަގުތީ ނަތީޖާ ކަމަށާއި އެހެނިހެން ސްލޮޓްތަކަށް ހޮވިފައިވާ ދަރިވަރުންގެ ދާއިމީ ނަތީޖާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ލޯނަށް ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.

މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާ މެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ.

މި އަހަރު ސްޓޫޑެންޓް ލޯނުތައް ހުޅުވާލީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިތުރު ހަރަދަށްވާ ފައިސާއާ އެކު އެވެ. ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުގައި ލިބޭއިރު، އޭގެ ތެރޭގައި ހުރިހާ ހަރަދެއް ހިމެނެ އެވެ.