Roadha Mihaaru
ކުދި ގައުމުތަކަށް ފައިނޭންސް ހޯދަން ރައީސްގެ 3 ހައްލު

ކުދި ގައުމުތަކަށް ފައިނޭންސް ހޯދުމަށް ތިން ހައްލެއް ރައީސް ހުށަހަޅުއްވައިފި

28 މެއި 2024

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ބޭނުންޖެހިފައިވާ ފައިނޭންސް ހޯދުމުގެ މަގުފަހިކޮށްދެވޭނެ ތިން ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކޮންމެހެން ބޭނުންޖެހިފައިވާ ފައިނޭންސް ހޯދުމުގެ މަގުފަހިކޮށްދެވޭނެ ތިން ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އެންޓީގާގައި ކުރިއަށްދާ ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ހަވާސާގައި މިއަދު ބޭއްވި ސިޑްސްގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ބޭއްވި ހައި-ލެވެލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޑްސްއަށް ބޭރުން ލިބޭ އެހީތެރިކަން ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖެއެކޭ އެއްފަދައިން، ސިޑްސްގައި ހިމެނޭ ގިނަ ގައުމުތައް އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ނޫނީ އެލްޑީސީ އިން ގްރެޖުއޭޓްވުމުގެ އަގު ދައްކަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ލުއި ގޮތެއްގައި ފައިނޭންސް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން، ދެމެހެއްޓެނެވި ގޮތެއްގައި ދަރަނި މެނޭޖްކުރަން ދަތިވެ، ތަރައްގީއަށް ހުރަސްއެޅިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވަނީ އާ ސްކޫލްތައް އަޅާނީތޯ ނޫނީ ރަށްތައް ވަށައިގެން ބޮޑުހިލަ ޖަހާނީތޯ ނިންމަން. ފެނުގެ ނިޒާމު ގާއިމުކުރާނީތޯ ނޫނީ ރަށް ގިރުން ހުއްޓުވާނީތޯ ކަނޑައަޅަން. މިއީ އަޅުގަނޑުމެންނަށް ކޮންމެވެސް އެއް ކަމެއް ހިޔާރުކުރަން މަޖުބޫރުވާންޖެހޭނެ ކަންކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއާ އެކު، ރައީސް ވަނީ ކުދި ގައުމުތަކަށް ބޭނުންވާ ފައިނޭންސް ހޯދައިދެވޭނެ ތިން ހައްލެއް ހުށަހަޅުއްވައިފަ އެވެ.

ފުރަތަމަ ކަމަކަށް އެ މަނިކުފާނު ހުށަހެޅުއްވީ ބައިނަލްއަގުވާމީ ފައިނޭންސް ނިޒާމު އެތުރިފައިވާ ގޮތް ބަދަލުކުރުމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ބާޒާރުން ފައިނޭންސް ހޯދައިގެން، ލުއި ގޮތެއްގައި ކުދި ގައުމުތަކަށް ލޯނު ދެވޭނެ ގާބިލުކަން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކުގައި އެބަހުއްޓެވެ. އަދި އެގޮތަށް އަމަލުކޮށް އެ ބޭންކުތަކުގެ ކްރެޑިޓް ރޭޓިންތަކަށް ވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން، ނިޒާމަށް މި އިސްލާހުތައް ގެނެސް، ފާއިތުވި 30 އަހަރުގެ ތެރޭގައި ސިޑްސްއަށް ވެފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑު އެމްޑީބީތަކާއި އިންޓަނޭޝަނަލް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް އަޅުގަނޑު ގޮވާލަން."

ރައީސްގެ ދެވަނަ ހުށަހެޅުމަކީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްއަށް ފައިނޭންސް ލިބޭ މިންވަރު އިތުރުކުރުމެވެ. އެ ހުށަހެޅުން ތަފްސީލުކޮށް ދެއްވަމުން، އެ މަނިކުފާނު ވިދާޅުވީ ކުދި ގައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓުތައް ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަގަންޖެހޭ ރިސްކާ އަޅާބަލާއިރު މާކެޓު ކުޑަވުން ކަމަށެވެ.

އެހެންކަމުން، އެ ހިރާސްތަކުގެ ބައެއްގެ ހިއްސާ ބޮޑެތި ގައުމުތަކުން ނަގައިފިނަމަ، ކުދި ގައުމުތަކަށް މިހާރު އޮތް ހުރަސްތައް ނެތިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ފަހު ހައްލަކަށް އެ މަނިކުފާނު ހުށަހެޅުއްވީ ކުދި ޖަޒީރާ ގައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުމަށެވެ.

"އަޅުގަނޑުމެން ކުޑަވުމަކީ އަޅުގަނޑުމެންނަށް ލިބެންހުރި ފުރުސަތުތައް ހަނިވުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުދި ގައުމުތަކަކީ އެހީ ދޭން ތިބި ބަޔެއްގެ ގޮތުގައި ދެކުމުގެ ބަދަލުތަކުގައި ދެމެހެއްޓެނެވި ތަރައްގީގެ ބައިވެރިންގެ ގޮތުގައި ބޮޑެތި ގައުމުތަކުގެ ވިސްނުން ބަދަލުކުރަންޖެހެ އެވެ.