Roadha Mihaaru
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން

ކުށްކުރާ ވަރު މި އަހަރު އަންނަނީ ދަށްވަމުން: ފުލުހުން

28 މެއި 2024

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ރެކޯޑުތަކަށް ބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ކުށަށް އަރައިގަންނަ ވަރު ދަށްވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ރެކޯޑުތަކަށް ބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ކުށަށް އަރައިގަންނަ ވަރު ދަށްވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފުލުހުންނަށް ހުށަހެޅި ކުށުގެ ރިޕޯޓުތަކުގެ އަދަދު ދަށްވެފައިވާ ކަމަށެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވައްކަމުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ހުށަހެޅި މައްސަލަތައް:

ވައްކަން: ޑިސެމްބަރުގައި 777 މައްސަލަ ހުށަހަޅާފައި ވާއިރު މި މަހުގެ 16 އާ ހަމައަށް ރިޕޯޓު ކޮށްފައި ވަނީ 356 މައްސަލަ.

މާރާމާރީ: ޑިސެމްބަރުގައި 155 މައްސަލަ. މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 62 މައްސަލަ.

ފޭރުން: ޑިސެމްބަރު މަހު 117 މައްސަލަ. މި މަހުގެ 16 އާ ހަމައަށް 38 މައްސަލަ.

ޑްރަގް: ޑިސެމްބަރު މަހު 373 މައްސަލަ ރިޕޯޓްކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ 177 މައްސަލަ.

ރަހީނުކުރުން: ޑިސެމްބަރު މަހު ފަސް މައްސަލަ. މި މަހުގެ 16 އާ ހަމައަށް އެންމެ މައްސަލައެއް.

އެ ތަފާސްހިސާބަށް ބަލާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ކުށްކުރާ ވަރު ވަރަށް ބޮޑަށް ދަށްވުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީ، ފެބްރުއަރީ، މާޗް) 2،520 މައްސަލަ ބަލާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ވައްކަމާއި ފޭރުމުގެ 964 ކޭސް އާއި ޑްރަގްގެ 268 މައްސަލަ އާއި ބިރުދެއްކުމުގެ 149 މައްސަލަ އެވެ.

ޝިފާން ވިދާޅުވީ ކުށް ކުރާ ވަރު ދަށްވަމުން އަންނައިރު، އެގޮތުގައި އަދަދުތައް ދެމެހެއްޓުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.