Roadha Mihaaru
ކްލަބުން ބޭނުންނުވާނަމަ އެހެން ޓީމެއްގައި ތަށިނަގާނަން

ޔުނައިޓެޑުން އަހަރެން ބޭނުން ނުވާނަމަ އެހެން ކްލަބަކަށް ގޮސް ތަށި ހޯދާނަން: ޓެން ހަގް

26 މެއި 2024

ލަންޑަން (މެއި 25) – މެންޗެސްޓާ ޔުނައިޓެޑުން އޭނާގެ ހިދުމަތް ބޭނުން ނުވާނަމަ އެހެން ކްލަބަކަށް ގޮސް ތަށި ހޯދާނެ ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (މެއި 25) – މެންޗެސްޓާ ޔުނައިޓެޑުން އޭނާގެ ހިދުމަތް ބޭނުން ނުވާނަމަ އެހެން ކްލަބަކަށް ގޮސް ތަށި ހޯދާނެ ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޔުނައިޓެޑަށް، އިނގިރޭސި އެފްއޭ ކަޕް 13 ވަނަ ފަހަރަށް ރޭ ހޯދައިދިން ކޯޗު ބުނީ ތަށި ހޯދުމަކީ އޭނާގެ ޝަހްސިއްޔަތުގައި ހުރި ކަމެއް ކަމަށެވެ.

އެކަމަކު މި ނިމުނު ސީޒަންގެ ޕްރިމިއާ ލީގަކީ، އެ ނަމުގައި އިނގިރޭސި ލީގު ތައާރަފު ކުރި ފަހުން ވެސް ޔުނައިޓެޑުން މިހާތަނަށް ނިންމާލި އެންމެ ދަށް ލީގެވެ.

އެ ޓީމުން ލީގު ނިންމާލީ އަށްވަނައިގަ އެވެ. އެކަމަކު އޭނާ ބުނީ ކުރިމަތިވި ހާލަތަކުގެ ތެރޭ ދެ މުބާރާތް ކާމިޔާބު ކުރުމަކީ ގޯސް ނަތީޖާއެއް ނޫން ކަމަށެވެ.

"ދެ އަހަރުން ދެ ތަށި ގޯހެއް ނޫން، ދެ އަހަރުން ތިން ފައިނަލް ގޯހެއް ނޫން، މިދިޔަ އަހަރުގެ ލީގު ކަޕް، ޔުނައިޓެޑާއެކު ހޯދި ކޯޗު ބުންޏެވެ.

މިދިޔަ އަހަރު އެފްއޭ ކަޕް ފައިނަލަށް ވެސް ޔުނައިޓެޑް ދަތުރު ކުރި އެވެ. ފައިނަލުގައި އެފަހަރު މެންޗެސްޓާ ސިޓީ އަތުން ބަލިވީ 2-1 ންނެވެ. ހަމަ އެ ނަތީޖާ އަނެއް ކޮޅަށް ޖަހައި ޔުނައިޓެޑުން ރޭ ވަނީ އެފްއޭ ކަޕް ފައިނަލުގައި ސިޓީ ބަލިކޮށްފަ އެވެ.

ޔުނައިޓެޑްގެ ވަޒީފާގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަމެއް، އެފްއޭ ކަޕް ކާމިޔާބު ކުރިއަސް ޓެން ހަގަކަށް ނެތެވެ. އެކަމަކު ނެދަލެންޑްސްގެ ކޯޗު ބުނީ ޔުނައިޓެޑްގައި ވެސް އަދި އެ ކްލަބްގައި ނެތް ނަމަވެސް އޭނާ ތަށި ހޯދާނެ ކަމަށެވެ.

"އެމީހުން [ކްލަބްގެ ވެރިން] އަހަރެން ބޭނުން ނުވަންޏާ ކޮންމެވެސް އެހެން ކްލަބަކަށް ގޮސް އަހަރެން ތަށި ހޯދާނަން. ސަބަބަކީ އެއީ އަހަރެން ކުރާ ކަމަކީ،" ޓެން ހަގް ބުންޏެވެ.

ޓެން ހަގަށް، ކްލަބްގެ ވެރިންގެ އިތުބާރު ނެތް ކަމަށް މީޑީއާގައި ވާހަކަ ފެތުރިޔަސް އޭނާ ބުނަމުން ގެންދަނީ ކްލަބްގެ ކޯ އޯނަރު ޖިމް ރެޓްކްލިފާއި އޭނާގެ އިނިއޯސް ގުރޫޕުގެ އިތުބާރު އެބައޮތް ކަމަށެވެ.

"އެމީހުން އަހަރެން ކައިރީގައި ބުނެފައި އެބައޮތް އެހެން،" ކްލަބްގެ ވެރިންގެ އިތުބާރު އެބައޮތްތޯ ސުވާލު ކުރުމުން ޓެން ހަގް ބުންޏެވެ.

"އަހަންނަށް ވަރަށް ގިނަ ފަހަރަށް މީޑިއާގައި މި ވާހަކަ ބުނެވިއްޖެ."