Roadha Mihaaru
ރަށްރަށުން މާލޭގެ ސްކޫލުތަކަށް 1126ކުދިން ވައްދައިފި

އާ އަހަރަށް ރަށްރަށުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދައިފި

25 މެއި 2024

ބޮޑު ޗުއްޓީއަށް ފަހު މާދަމާ ދިރާސީ އަހަރުގެ ކިޔުވުން ފެށޭއިރު ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޮޑު ޗުއްޓީއަށް ފަހު މާދަމާ ދިރާސީ އަހަރުގެ ކިޔުވުން ފެށޭއިރު ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި މުދައްރިސުންނަށް ފޮނުވައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލް ކޮށްފައިވާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަނުމަށް 2081 ދަރިވަރުން ހުށަހެޅި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ދިރާސީ އަހަރަށް އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ބަދަލުވެފައިވެ އެވެ. މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 އެއްހާ ދަރިވަރުން ބަދަލުވި އެވެ.

މާދަމާ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެން ދަނީ 96،000 ދަރިވަރުންނާ އެކު އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އެބަދެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތަފްސީލު:

- ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ.

- އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން.

- މިއަހަރުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާނެ.

- ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ އެވެ. ކުރީ އަހަރެކޭ އެއްގޮތަށް ސެޓްލައިޓް މެދުވެރިކޮށް މިއަހަރު ވެސް ހަ ސްކޫލެއްގައި ކިޔަަވައިދޭނެ އެވެ. އެއީ ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، އަދި ވ. ތިނަދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ތިން ގަޑިއިރަށް ފައްތަން ސްކޫލުތަކަށް އަންގައިފަ އެވެ.

ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރި ނަމަވެސް މިމަހުގެ މެދު ތެރެއިން ފެށިގެން މުޅި ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފަ އެވެ. އެހެންވެ، ކަނޑު ދަތުރުކުރުމުގައި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ.