Roadha Mihaaru
އޮލިމްޕިކްސްގެ ޖާގަ ހައްގުވަނީ ޝަމްހާ އަށް: ކޯޗު

އެތުލެޓިކްސްއިން އޮލިމްޕިކްސްގެ ޖާގަ ހައްގުވަނީ ޝަމްހާ އަށް: ކޯޗު

22 މެއި 2024

އެންމެ ފަހުގެ ނަތީޖާ އާއި ރެކޯޑްތަކަށް ބަލައިގެން އެތުލެޓިކްސްއިން އޮލިމްޕިކްސްގެ ޖާގަ ދޭނަމަ އެކަން އެންމެ ބޮޑަށް ހައްގު ވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދަށް ކަމަށް އޭނާގެ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ބުނެފި އެވެ.

އެންމެ ފަހުގެ ނަތީޖާ އާއި ރެކޯޑްތަކަށް ބަލައިގެން އެތުލެޓިކްސްއިން އޮލިމްޕިކްސްގެ ޖާގަ ދޭނަމަ އެކަން އެންމެ ބޮޑަށް ހައްގު ވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހްމަދަށް ކަމަށް އޭނާގެ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ބުނެފި އެވެ.

ވައިލްޑް ކާޑްގެ ދަށުން ރާއްޖެ އަށް އޮލިމްޕިކްސްގެ ޖާގަ ލިބޭ ދެ ކުޅިވަރުގެ ތެރެއިން އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ.

ނަސްރު ބުނީ، އެތުލެޓިކްސްގެ ޖާގަ އަކީ ކޮލިފައިން މަރުހަލާއެއް ކަޑަތުނުކޮށް ލިބޭ ޖާގަ އަކަށް ވާނަމަ، އޮލިމްޕިކްސްއިން ފުރުސަތު ދިނުމުގައި އެތުލެޓިކްސް އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީން ވެސް ބަލަން ޖެހޭނީ އެންމެ ފަހުގެ ނަތީޖާ އާއި ރެކޯޑްތަކަށް ކަމަށެވެ.

"އެއަށް ބަލައިފިއްޔާ ވެސް ޝަމްހާ އާ ވާދަކޮށްލެވޭނެ އެހެން އެތުލީޓަކު ނެތް. މި ފަހުން ވެސް އެންމެ ގިނަ ރެކޯޑް އަދި ޕާފޯމަންސް ރަނގަޅު އެތުލީޓަކީ ޝަމްހާ،" ނަސްރު ބުންޏެވެ.

"އަޅުގަނޑަކަށް ނޭނގެ އެތުލެޓިކްސް އެސޯސިއޭޝަނުން ކަންތައް ކުރާނެ ގޮތެއް. އެކަމަކު ކުޅިވަރުގެ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ގަބޫލު ކުރަނީ ކޮލިފައިނުވެ ލިބޭ ފުރުސަތެއް ކަމަށްވަންޏާ ދެން ފުރުސަތު ދޭން ޖެހޭނީ އެ ވަގުތެއްގައި އެންމެ ޕާފޯމަންސް ރަނގަޅު، އެންމެ ރަނގަޅު ނަތީޖާ، އެންމެ ޓައިމިން ރަނގަޅު އެތުލީޓަކަށް.

ޝަމްހާ އާއި ނަސްރު

ޝަމްހާ އާއި ނަސްރު

"މިފަހުން ހެދި ރެކޯޑްތަކަށް ބެލިޔަސް އެންމެ ގިނަ ރެކޯޑް، އެންމެ ރަނގަޅު ޓައިމިންގްސްތައް އޮތީ ޝަމްހާގެ އަތުގައި. އެހެންވީމަ ޝަމްހާ އަށް ޖާގަ ނުދެންވީ އެއްވެސް ސަބަބެއް ނެތް."

މެރަތަން އާއި ދުރު ރާސްތާ ދުވުންތަކަށް ދުވުންތެރިން ތަމްރީނުކޮށްދޭ ކޯޗު ބުނީ، އެތުލެޓިކްސްގެ ކުރިއެރުމަށް ބަލައިފިނަމަ މިދިޔަ ހަތަރު އަހަރު އެންމެ ބޮޑު ކުރިއެރުންތަކެއް ހޯދީ ޑިސްޓެންސް އިވެންޓްތަކަށް ހާއްސަ ދުންވެރިން ކަމަށެވެ. އޮލިމްޕިކްސްގެ ޖާގަ ދޭނަމަ އެތުލެޓިކްސްގެ އެ ޖާގަ ހައްގު ވަނީ ޑިސްޓެންސް ކެޓެގަރީ އަށް ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މި އިން ކޮންމެ ގޮތަކަށް ބެލިޔަސް ޝަމްހާ ކަޓުވާލާފަ އެހެން މީހަކަށް ޖާގަ ދެވޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެން ގޮތަކަށް ނިންމައިފިނަމަ އެވާނީ ބޭއިންސާފަކަށް،" ނަސްރު ބުންޏެވެ.

އޭނާ ބުނީ، ޝަމްހާ އަށް ފުރުސަތު ނުދޭން ނިންމުމުގައި އުމުރަށް ބަލަން ރިއާޔްތްކޮށްފާނެ ކަމަށެވެ.

އެކަމަކު ކުޅިވަރުގައި ބަލަން ޖެހޭނީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ވިސްނުމެއްގެ މައްޗަށް ކަމަށް ނަސްރު ބުންޏެވެ.

"އޭޖަކީ ހަމަ ނަންބަރެއް. އޮލިމްޕިކްސް އިން ވެސް ކޮންސިޑާ ކުރާ ކަމެއް ނޫން. ޝަމްހާގެ ޓްރޭނިންތައް ޕާފޯމަންސް އަދި ރެކޯޑްތައް އަޅާކިޔާލައިފިއްޔާ ޒުވާން ދުވުންތެރިންނަށް ވުރެ އޭނާ އަދި ވެސް އުޅެނީ އެންމެ ކުރީގައި،" އުމުރުން 40 އަހަރުގެ ދުވުންތެރިޔާއާ ބެހޭގޮތުން ނަސްރު ބުންޏެވެ.

"ރޯޑް އިވެންޓްގެ ހުރިހާ ރެކޯޑެއް އެޗީވް ވެއްޖެ. މިހާރު އެދަނީ ޓްރެކް އިވެންޓްގެ ރެކޯޑްތަކަށް ފޯކަސް ކުރަމުން."

ޝަމްހާ މީގެ ކުރިން ވަނީ ސްޕްރިންޓް އިވެންޓް 100 މީޓަރުން އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ. މިހާރު ދިގު ރާސްތާ ދުވުންތަކަށް ހާއްސަ ދުވުންތެރިޔާ މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޮލިމްޕިކްސްގެ މެރަތަންގައި ވާދަ ކުރުމަކީ އޭނާ ބޮޑު އުންމީދެއް ކަމަށެވެ.