Roadha Mihaaru
ޖަރުމަންގެ ރޭހަކުން ޝަމްހާ އަށް ތިން ވަނަ

ޖަރުމަންގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހަކުން ޝަމްހާ ތިން ވަނަ ހޯދައިފި

19 ފެބުރުއަރީ 2023

ޖަރުމަނުގެ މުންޗެންގްލަޑްބެކުގައި އިއްޔެ ބޭއްވި 10 ކިލޯމީޓަރުގެ ދުވުމުގެ ރޭހުން ރާއްޖޭގެ ޝަމްހާ އަހުމަދު ތިން ވަނަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖަރުމަނުގެ މުންޗެންގްލަޑްބެކުގައި އިއްޔެ ބޭއްވި 10 ކިލޯމީޓަރުގެ ދުވުމުގެ ރޭހުން ރާއްޖޭގެ ޝަމްހާ އަހުމަދު ތިން ވަނަ ހޯދައިފި އެވެ.

ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ، ރޭސް ނިންމީ 40 މިނެޓާއީ 14 ސިކުންތުންނެވެ. އެ ރޭހުގެ ފުރަތަމަ ފަސް ކިލޯމީޓަރު އޭނާ ނިންމީ 18 މިނެޓު 34 ސިކުންތުންނެވެ. އުމުރުން 40 އަހަރުގެ ޝަމްހާ ތިން ވަނައިގައި ރޭސް ނިންމައިގެން އެ އުމުރުފުރާގައި އެންމެ ބާރަށް ދުވި އެތުލީޓްގެ ގޮތުގައި ލިސްޓްކޮށްފައި އޮތީ އޭނާގެ އެވެ.

ސެޕްޓެމްބަރު މަހު އޮސްލޯގެ ހާފް މެރަތަންގައި ވާދަކޮށް ހާފް މެރަތަންގެ ރެކޯޑްގެ އިތުރު ތިން ކެޓަގަރީއެއްގެ ރެކޯޑެއް މުގުރާލި ޝަމްހާ އިއްޔެ 10 ކިލޯމީޓަރުގެ ރޭސް ނިންމީ އޮސްލޯ މެރަތަންގައި އޭނާ 10 ކިލޯމީޓަރު ދުވި ވަރަށް ވުރެ އަވަހަށެވެ. އޮސްލޯގައި އޭނާ 10 ކިލޯމީޓަރު ރޭސް ނިންމީ 49 މިނެޓު 36 ސިކުންތުންނެވެ.

ނަމަވެސް އިއްޔެގެ އިވެންޓަކީ އިންޓަނޭޝަނަލް އެޕްރޫވް އިވެންޓަކަށް ނުވާތީ އޭނާގެ ނިންމި ޓައިމް ގައުމީ ރެކޯޑެއްގެ ގޮތުގައި ނުބަލާނެ އެވެ.

އިއްޔެގެ ރޭސް ނިންމުމަށް ފަހު ޝަމްހާ ރޭހުން ވަނަ ހޯދި އެހެން ދުވުންތެރިންނާއެކު

އިއްޔެގެ ރޭސް ނިންމުމަށް ފަހު ޝަމްހާ ރޭހުން ވަނަ ހޯދި އެހެން ދުވުންތެރިންނާއެކު

ޝަމްހާގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ބުނީ އޭނާ ތައްޔާރުވަމުން އަންނަނީ އަންނަ މަހު ޖަރުމަންގައި ބާއްވާ އިންޓަނޭޝަނަލް ރޭހަކަށް ކަމަށެވެ.

"އަޅުގަނޑަށް މިހާރު ވަރަށް ބޮޑު އުއްމީދެއް އެބައޮތް އެ އިވެންޓުން އޭނާ ރެކޯޑް ހަދާނެ ކަމަށް،" ނަސްރު ބުންޏެވެ.

ކެނެޑާގެ އެޑޮމެންޓްގައި 2001 ގައި ބޭއްވި އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް 100 މީޓަރުން ގައުމީ ރެކޯޑް ހަދައި، މިދިޔަ އަހަރާ ހަމައަށް އެ ރެކޯޑް ދެމެހެއްޓި ޝަމްހާ އަތުގައި މިހާރު އެހެން ރެކޯޑްތަކެއް އެބަހުއްޓެވެ. މިދިޔަ އަހަރު ޖަރުމަންގެ ބާލިންގައި ބޭއްވި މެރަތަންގައި ވާދަކޮށް އޭނާ ވަނީ ރާއްޖޭގެ މެރަތަން ރެކޯޑް މުގުރައިލައިފަ އެވެ. ހާފް މެރަތަން އާއި 10 ކިލޯމީޓަރުގެ އިތުރުން 20 އަދި 15 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް މިހާރު އޮތީ ޝަމްހާ އަތުގަ އެވެ.