Roadha Mihaaru
ޒަމާންވީ 100 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައިފި

21 އަހަރު ވީ 100 މީޓަރުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލައިފި

02 އޯގަސްޓް 2022

މީގެ 21 އަހަރު ކުރިން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މިއަދު މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މީގެ 21 އަހަރު ކުރިން ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު ހެދި އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މިއަދު މުގުރާލައިފި އެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ މިއަދު ރޭސް ނިންމީ 12.17 ސިކުނތުންނެވެ. މީގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.

މި އަހަރު މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެތުލެޓިކްސްގެ އެއްވަނަ އަންހެން އެތުލީޓްގެ މަގާމު ހޯދި ހިމްނާ އަތުގައި ރާއްޖޭގެ 400 މީޓަރުގެ ގައުމީ ރެކޯޑް ވެސް އެބަ އޮތެވެ. އެ އިވެންޓަށް ފަރިތަ ހިމްނާ ވަނީ 400 މީޓަރުގެ ރެކޯޑް މިހާތަނަށް ފަސް ފަހަރު މުގުރާލައިފަ އެވެ. އޭނާ އެންމެ ފަހުން އެ ރެކޯޑް މުގުރާލީ ޖޫން މަހު ބޭއްވި ގައުމީ ޓައިމް ޓްރެއަލްގައި ވާދަކޮށް 57.56 ސިކުންތުންނެވެ.

އޭރު އޭނާ ރެކޯޑް މުގުރާލީ ކުރިން ހެދި ރެކޯޑަށް އެއް އަހަރު ވެސް ނުވަނީހެވެ. މިދިޔަ އަހަރު އޯގަސްޓް މަހު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 58.90 ސިކުތުންނެވެ. އޭގެ ކުރިން އޭނާ އެ ރެކޯޑް ހެދީ ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ.

ދެވަނަ ފަހަރު އޭނާ ގުރާލީ ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި 59.73 ސިކުންތުން ރޭސް ނިންމައި އެންމެ ފުރަތަމަ އޭނާ ރެކޯޑް މގުރާލީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އޭގެ އޭރު އޭނާ ރޭސް ނިންމީ 59.76 ސިކުތުންނެވެ. އޭނާގެ ކުރިން އެ ރެކޯޑް އޮންނަނީ މިރްފަތު އަހްމަދު، އަތުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރުފަތު ރޭސް ނިންމީ 59.76 ސިކުންތުންނެވެ.

މިއަދު ފިރިހެންުނގެ 100 މިޓަރުގައި ވާދަކޮށް ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދަށް ކުރިމަތިވީ ނާކާމިޔާބެވެ. އޭނާ ވާދަކުރި ހީޓްގައި ސާއިދު ދިޔައީ ފަސް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 10.75 ސިކުންތުންނެވެ. ޕާކިސްތާންގެ ދުވުންތެރިޔާ ޝޖަރް އައްބާސް ވެސް އެ ޙީޓްގައި ވާދަ ކުރި އެވެ. އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ. އޭނާ ވަނީ 10.38 ން ރޭސް ނިންމައިފަ އެވެ.

ހީޓްގެ އެއްވަނަ ހޯދީ 10.28 ން ރޭސް ނިންމި ޖަމައިކާގެ ކޮންރޭ ޖޯންސް އެވެ. ހުރިހާ ހީޓަކުން އެއްވަނަ ހޯދީ ސްރީ ލަންކާގެ އެތުލީޓް ޔުޕުން އަބޭ ކޫން އެވެ. އޭނާ ރޭސް ނިންމީ 10.6 ސިކުންތުންނެވެ.